މިދިޔަ ހޮނިހިރު ދުވަހު ފެށުނު ކައުންސިލްތަކުގެ އާ ދައުރަށް އެތައް ފަހަރަކު ވޯޓު ލައިގެންވެސް ދެ ކައުންސިލަކަށް ރައީސަކު އިންތިހާބު ކުރެވޭ ގޮތެއް ނުވި އެވެ.
އިންތިހާބު ނުކުރެވިގެން އުޅެނީ ނ. އަތޮޅު ކައުންސިލާއި ބ. ދޮންފަނު ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސެވެ. ނ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން ކައުންސިލަރުންނާއި ޕީޕީއެމްގެ ކައުންސިލަރެކެވެ. ދޮންފަނުގައި ތިއްބަވަނީ އަމިއްލަ ގޮތުން ހޮވިފައިވާ ތިން ކައުންސިލަރުން ނެވެ.
ނ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހުމަދު ޝުޖާއު ވިދާޅުވީ ހުވާ ކުރި ރޭ ހަ ފަހަރު ވޯޓުލުން ކުރިޔަށް ގެންގޮސް ކާމިޔާބު ނުވުމުން ހުއްޓާލީ ކަމަށެވެ. އަދި އިއްޔެވެސް ހަތަރު ފަހަރު ވޯޓު ލީ ކަމަށާއި ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލަނީ އެލްޖީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ނ. އަތޮޅޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ. އެ ދެ ބޭފުޅުންނަށްވެސް ލިބެނީ ދެ ވޯޓެވެ.
ބ. ދޮންފަނު ކައުންސިލްގެ ތިން ކައުންސިލަރުންވެސް ރައީސް ކަމަށް ކުރިމަތި ލައްވައެވެ. އެހެންވެ ކޮންމެ ފަހަރަކު ވޯޓު ލާއިރު ކޮންމެ ކައުންސިލަރަކު ވޯޓުލަނީ އެމީހެއްގެ އަމިއްލަ ނަމަށެވެ. ހުވާ ކުރިރޭ ފަސް ފަހަރު ރައީސަކު ހޮވުމަށް ވޯޓު ލާފައިވާއިރު އިއްޔެވެސް ވަނީ ފަސް ފަހަރު ވޯޓުލާފައި އެވެ.
އެ ކައުންސިލްތަކުން ބުނީ ދެން ރައީސަކު ހޮވުން ކުރިޔަށް ގެންދާނީ އެލްޖީއޭއިން އަންގާ ގޮތަކަށް ކަމަށެވެ. މި ލިސްޓަށް އިތުރު ކައުންސިލްތަކެއް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް