ސުމައިދު ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

އައްޑޫ ސިޓީ ގަމު ކަނޑަށް މަހަށް ނިކުމެގެން އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައި ރޭ ގެއްލުނު ފުލުސް މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން ދަނީ ހިތަދޫއަށް ނިސްބަތްވާ ޕ...

05 Jun 2017 | 06:16

އައްޑޫ ސިޓީ ގަމު ކަނޑަށް މަހަށް ނިކުމެގެން އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލައި ރޭ ގެއްލުނު ފުލުސް މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހިތަދޫއަށް ނިސްބަތްވާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު 27، އެވެ. އޭނާ އާއި އެކު އިތުރު ދެ މީހަކު ދިޔަ އެވެ. ޑިންގީ ބަންޑުން ޖަހާލުމުން އެމީހުން ވަނީ ފަތާފައި ކައިރީގައި އޮތް ޝަންގްރިއްލާ ރިސޯޓަށް އަރާފައި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ މިއަދު ހެނދުނު 7:30 ން ފެށިގެން ސުމައިދު ހޯދުމުގައި ހެލިކޮޕްޓަރު ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ކަނޑުގެ ސަރަހައްދުވެސް ބަލަމުންނެވެ.

އެމީހުން މަހަށް ދިޔަ ޑިންގީ ފެނިފައިވަނީ ޝަންގްރިއްލާ ރިސޯޓުގެ ދެކުނު ފަރާތު ފަރު މައްޗަށް ލައްގާފައި އޮއްވަ އެވެ.

ޑިންގީގަ ނުކުތް ތިން މީހުންގެ ތެރެއިން ދެމީހުން ސަލާމަތްވެފައިވާއިރު ސުމައިދު ގެއްލުނީ ކީއްވެ ކަމެއް އަދި އެ މީހުންނަށް ޝަންގްރިއްލާއަށް ފަތާފައި ދެވުނީ ކީއްވެކަމެއް ނޭނގެ އެވެ.

އެމީހުން މަހަށް ނިކުތީ ރޯދަ ވީއްލަންށާއި އެއްކޮށް ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އެ މައްސަލަ އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓު ކުރީ ރޭ 8:45 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް