((إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ)) سورة هود 114
މާނައީ " ހަމަކަށަވަރުން ހެޔޮކަންތައްތަކުން ؛ ނުބައިކަންތައްތައް ފުހެލައެވެ."
އާދެ! އާދަމުގެ ދަރީންނަކީ ފާފަޔަށް އަރައިގަނެވޭ، ކުށްކުރެވޭނޭ ފަދަ ޠަބީޢަތެއްގައި މާތް ﷲ އުފައްދަވާފައިވާ މަޚްލޫޤެއްކަމުގައި ވުމާއެކު ކުރެވޭ ނުބައިކަންކަމާ، އަރައިގަނެވޭ ފާފަތައް ؛ ފުހެވޭނެ މަގުތައް މާތް ﷲ ވަނީ އިތުރުކޮށްދެއްވާ ގިނަ ކުރައްވާފައެވެ. އެގޮތުން ކޮންމެ ނުބައިކަމެއްވެސް އެންމެ ފާފަ އެއްގެ ގޮތުގައި ލިޔުއްވޭ އިރު، ކޮންމެ ހެޔޮކަމަކަށް 10 ދަރުމަ ލިޔެވިގެން ދެއެވެ. މީގެ އިތުރުން ހެޔޮކަންތައްތައް 10 ގުނަ އިތުރުވެގެން 700 އިން ގޮސް ޢަދަދުނުކުރެވޭހާ ގިނަ ދަރުމަ ވެސް އެންމެ ހެޔޮކަމަކުން އިންސާނާ އަށް ލިބޭނޭ މަގު މިވަނީ ﷲ ދައްކަވާފައެވެ. މިކަމުގައި އެކަލާނގެ އޯގާވެރިވަންތަކަމާ، ރަޙްމަތުގެ އިންތިހާ ވާކަން ހަނދާންކޮށްލަންޖެހެއެވެ. އިންސާނާ ދުނިޔެއަށް އުފަންވާއިރު ތަފާތު އެކިއެކި ނުފޫޒާއި، އޭނާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ޝައިޠާނާގެ ހެއްލުންތެރިކަމާ، ދިރި އުޅުމުގައި ދިމާވާ ތަފާތު ރާޅުބާނީތަކުން އޭނާ ފަރާތްފަރާތަށް ކައްސުވާލައިގެން ގެންދެއެވެ.އެހުރިހާ ކަމަކާ އެކުވެސް އޭނާގެ ކުށްފާފަ ތަކަށް ތަޥުބާ ވެއްޖެ ނަމަ އޭނާ އެދޭ ހުރިހާ ފާފައެއް އޭނާޔަށް މާތް ﷲ ފުއްސަވާދެއްވަވައެވެ. އެހެންކަމުން މާތް ﷲ ގެ މި وَحِي ބަސްފުޅު ((إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ)) " ހަމަކަށަވަރުން ހެޔޮކަންތައްތަކުން ؛ ނުބައިކަންތައްތައް ފުހެލައެވެ."
މިއީ އަހަރެމެން އިންސާނުންނަށް އޮތް އުފާވެރި ޚަބަރެކެވެ. ކުރާ ހެޔޮކަންތައްތަކުގެ ސަބަބުން ކުރެވިފައިވާ ނުބަިކަންކަން ފުހެވިގެންދާކަމަށް ދެއްވާފައިވާ އިލާހީ ޚަބަރަކަށް ވާތީއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އަބަދުމެ ކޮންމެވެސް ކުށަކަށް ހުށަހޮޅިގަނެވޭފަދަ ނިކަމެތި ގޮތަކަށް އުފެދިފައިވާ އާދަމްގެ ދަރިއެއްކަމަށް ވީހިނދު، އެ ކުށްތަކާއި ފާފަ ތަކުގެ ސުންޕާކަމާ، އޭގެ ނުބައި އަޡަރުތަކުން ސަލާމަތްކޮށްދެނިވި މަގުތައް މާތް ﷲ ހުޅުއްވާދެއްވާފައިވާކަމީ އަޅުގަނޑުމެންނަށް ލިބިގެންވާ އަގުވަޒަން ނުކުރެވޭފަދަ ފުރުޞަތެކެވެ. ތަޥުބާ ވުމަށް އަވަސް ވެގަންނަންވީ އެވެ. ކޮންމެ ފާފައެއްވެސް މާތް ﷲ ފުއްސެވުމުގެ ވަޢުދުކުރައްވާފައިވަނީ އެފާފައަކުން ތިމާ ތަޥުބާވެ، ސަލާމަތްވާން ތައްޔާރަށް ހުރިނަމަ އެވެ. މީގެ އިތުރުންވެސް ކުދި ފާފަ ތަކާ، އަރައިގަނެވޭ ނޭދެވޭ ކަންކަން ތިމާގެ ކިބައިން ފުހެވވިގެންދާ ނިޒާމެއް މާތް ﷲ މިވަނީ ލައްވަވާފައެވެ. އެއީ ތިމާ ކުރާ ހެޔޮ ކަންކަމެވެ. ޚާއްޞަކޮށް ފަރުޟުކުރައްވާފައިވާ 5 ނަމާދަކީ ކުށްފާފަތައް ފުހެލައިދޭ ޢަމަލެއްކަމުގައި މިއުއްމަތުގެ ނަބިއްޔާ މެދުވެރިކޮށް ﷲ ވަނީ އުއްމަތަށް ޚަބަރު ދެއްވާފައެވެ. އެހެންކަމުން މުސްލިމަކު އިޚްލާޞްތެރިކަމާއެކު ކުރާ ކޮންމެ ޢަމަލަކީވެސް އޭގެ ސަބަބުން ތިމާއަށް ކުރެވިފައިވާ ކުދިފާފަ ތައް ފުހެދޭ ކަންކަމެވެ. ވުޟޫކުރުމާއި، އެކަކު އަނެކަކާ ސަލާން ކުރުމަކީ ވެސް ފާފަ ދެމީހުންގެ ފާފަ ފުހެވިގެންދާ ސަބަބެކެވެ. ނުބައިކަމެއް ކުރެވި ނުވަތަ ފާފައަކަށް އަރައިގަނެވިއްޖެނަމަ އެއާ ވިއްދައިގެން އަވަހަށް ހެޔޮކަމެއް ކުރާށެވެ. ބޮޑެތި ފާފަ ކުރެވިފައިވާނަމަ؛ ތަޥުބާ ވުމުން އެ ފާފަތައްވެސް ފުއްސަވާދެއްވާނެތެވެ. އެކަލާނގެއީ އޯގާވަންތަ ރަސްކަލާނގެ އެވެ. އެ އާޔަތުގެ ފަހު ކޮޅުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. ((ذَلِكَ ذِكْرَى لِلذَّاكِرِينَ )) سورة هود 114 މާނައީ " މިއީ ހަނދާންކުރާ މީހުންނަށް އޮތް ހަނދާންކޮށްދިނުމެކެވެ. ----
----------
ލިޔުއްވީ : الشيخ عبد الله بن محمد إبراهيم
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް