ޑީންގީ ފެނިއްޖެ، ގެއްލުނު މީހާ އަދި ނުފެނޭ

ފަރު މަސްވެރިކަމަށް ނުކުމުގެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހަކު ނުފެނިގެން ހޯދަމުން އަންނައިރު ބަންޑުން ޖަހާލި ޑިންގީ ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ޑިންގީ ފެ...

05 Jun 2017 | 04:36

ފަރު މަސްވެރިކަމަށް ނުކުމުގެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހަކު ނުފެނިގެން ހޯދަމުން އަންނައިރު ބަންޑުން ޖަހާލި ޑިންގީ ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޑިންގީ ފެނުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ ރޭ 12:00 ހާއިރުގަ އެވެ. ޑިންގީ ފެނުނީ ސަންގްރިއްލާ ރިސޯޓްގެ ދެކުނު ފަރާތުގެ ފަރުމައްޗަށް ލައްވެފައި އޮއްވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ. ޑިންގީ ފެނުނު ނަމަވެސް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ސުމައިދު އަދި ފެނިފައެއް ނުވެ އެވެ. ސުމައިދު އަކީ ފުލުސް އޮފީހުގައި ކޯޕްރަލްއެއްގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ރޭ 20:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް ހަކުރާ އާއި ހާބަރކްރާފްޓް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މިހާދިސާގައި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ސ.ގަމު ކަނޑުއޮޅި ތެރެއަށް ކަމަށެވެ.

"ޑިންގީ ބަނޑުން ޖަހާލިއިރު ޑިންގީގައި ތިބީ ތިން ދިވެހިންނެވެ. އޭގެ ތެރެއިން ދެ ދިވެހިން ވަނީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އަރާފައެވެ. މިހާދިސާގައި ނުފެނިފައި ވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. މީނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ. މީނާ ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖަރޒީއަކާއި ކަޅުކުލައިގެ ޓްރެކްޝޫޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މިހިސާބު ރަށްތަކުން ބަލައިދިނުން އެދޭ ކަމަށެވެ. އަދި މީނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް