މިނިވަން ފަންސާހާ ގުޅުވައިގެން ކޮންމެ ފުލުހަކަށް މެޑެއްޔެއް

މިނިވަންކަމަށް 50 އަހަރު ފުރޭއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކަށް މެޑެއްޔެއް ދިނުމަށް ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ވަމުން ގެންދާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ...

05 Jun 2015 | 15:07

މިނިވަންކަމަށް 50 އަހަރު ފުރޭއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެމިހުރި ކޮންމެ ފުލުހަކަށް މެޑެއްޔެއް ދިނުމަށް ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ވަމުން ގެންދާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅިގެން ފުލުހުންގެ ތެރޭގައި ހިންގާ ޚާއްޞަ ޙަރަކާތްތަކާ ގުޅޭގޮތުން ދިޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މިނިވަންކަމަށް 50 އަހަރު ފުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރަކާ ޝަރަފެއް ކަމުގައެވެ. އެހެންކަމުން މި ތާރީޚީ މުނާސަބާގެ ޝަރަފުވެރިކަމާ ހަނދާންތައް ގިނަދުވަހަށް ދެމިގެންދާނެހެން ހެދުމުގެ ގޮތުން ކޮންމެ ފުލުހަކަށް ޔުނީފޯމާއެކު ބޭނުން ކުރެވޭގޮތަށް މެޑެއްޔެއް ދިނުމަށް ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މި މެޑެއްޔަކީ މިނިވަންކަމުގެ ފޮނި މީރުކަން ލިބޭގޮތަށް އަދި އެއުފާ ރަމްޒުވެގެންދާގޮތަށް ފުލުހުންގެ ޔުނީފޯމުގައި ބޭނުންކުރެވޭނެ އެއްޗަކަށް ވެގެންދާނެ ކަމަށެވެ.

މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ފުލުހުންގެ ތެރޭގައި ތަފާތު ޙަރަކާތްތައް ހިންގަމުންގެންދާ ކަމަށާއި މިޙަރަކާތްތައް ހިންގަމުންގެންދާނީ ރައްޔިތުންނާ ގުޅިގެންކަން ދިޓީވީއަށް ދެއްވި ބަސްދީ ގަތުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. މިގޮތުން ފުލުހުން ކުރިޔަށް ގެންދާ ކުޅިވަރުތަކާ ޙަރަކާތްތަކުގައި ޢާއްމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާނެ ކަމަށާއި މިހާރު ކުރިޔަށްދާ ފުޓުބޯޅަ މުބާރާތުގައިވެސް ކޮންމެ ޓީމެއްގައިވެސް ޢާއްމު ކުޅުންތެރިޔަކު ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފުލުހުން ވަނީ މާލޭގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ. މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތްވެސް މިއަހަރު ބާއްވަނީ މިނިވަން ފަންސާސް ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ނަމުގައެވެ. މީގެ އިތުރުންވެސް މިނިވަން ފަންސާހުގެ ކުޅިވަރު ފެސްޓިވަލްގެ ނަމުގައި ޚާއްޞަ ކުޅިވަރު ފެސްޓިވަލެއްވެސް ބޭއްވުމަށް ދަނީ އިންތިޒާމު ކުރަމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުންވެސް ގެންދަނީ އެމަރުކަޒު ހިމެނޭ ރަށްރަށާއި ސަރަޙައްދުތަކުގައި މިނިވަން ފަންސާސް ފާހަގަކުރުމަށް ބާއްވާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެ ޒުވާނުންނާ ދޮށީ ޢުމުރުގެ މީހުންނަށް ބައިވެރިވެވޭގޮތަށް އެކިއެކި ޙަރަކާތްތައް ރާވައި ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް