އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް އެ އަންހެން ކުއްޖާގެ ދޮން ބައްޕައާއި ޅިޔަނު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ދިވެހި ފުލުހުންގެ ނޯތު ރީޖަން (ނ.ރ.ބ އަދި ޅ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
"މި މައްސަލައިގާ އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ގުޅުންހުރި އިދާރާތަކާއި އެކު މި މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށެވެ.
ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ދިފާޢުގައި އެ ކުއްޖާގެ ބޭބެ އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ.
އެގޮތުން "ޗޭންޖް އޯގަނައިޒޭޝަން" ގައި އޭނާ ކުރިއަށްގެންދާ އޮންލައިން ޕެޓިޝަންގައި ތުހުމަތުކުރާގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ އަންހެން ކުއްޖާގެ ދޮން ބައްޕައާއި ޅިޔަނެވެ.
ކުއްޖާގެ މަންމައާއި ކުއްޖާގެ ދައްތަ (ޅިޔަނުގެ އަންހެނުން) ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ދިފާޢުކުރާކަން ފާހަގަކުރަމުން ޕެޓިޝަން ހަދާފައިވާ ފަރާތުން ބުނެފައިވަނީ އެކަމާ ވަކާލާތު ނުކުރުމަށް އެ ފަރާތްތަކުން އިންޒާރުދީފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
އިތުރަށް ފާހަގަކޮށްފައިވާގޮތުގައި އަންހެން ކުއްޖާގެ ދައްތައަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މުވައްޒަފެކެވެ. އެ އިދާރާގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އެ އަންހެން މީހާ އޭނާގެ ފިރިމީހާ ދިފާޢު ކުރާތީ އެ އަންހެން މީހާ ވަޒީފާއިން ވަކިކޮށްދޭން އެ ޕެޓިޝަނުގައި ޑިމާންޑުކޮށްފައިވެއެވެ. އަދި ޖިންސީ އަނިޔާ ލިބުނު ކުއްޖާ ހިމާޔަތްކޮށްދީ ދެފުށް ފެންނަ އިންސާފުވެރި ތަޙުޤީޤެއް ހިންގައިދިނުމަށްވެސް އެ ޕެޓިޝަނުގައި އޭނާ ޑިމާންޑުކޮށްފައިވެއެވެ.
އޮންލައިން އެ ޕެޓިޝަނުގައި މިހާތަނަށް 500އެއްހާ މީހުން ސޮއިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް