ވަޒީފާއަށް ބިދޭސީން ހޯދައިދޭނެ އޭޖެންސީއެއް ހޯދަން ފުލުހުން ކުރި އިއުލާނު ބާތިލުކޮށްފި

ދިވެހި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ބިދޭސީން ގެނެސްދިނުމާއި ގެންނަ އަދި ތިބި ބިދޭސީންނާއި ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން މިއަ...

05 May 2024 | 18:44

ދިވެހި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ބިދޭސީން ގެނެސްދިނުމާއި ގެންނަ އަދި ތިބި ބިދޭސީންނާއި ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން މިއަދު ކުރި އިއުލާނު އެ މުއައްސަސާއިން ބާތިލުކޮށްފިއެވެ.

އެ އިއުލާނުގެ ޚަބަރު މިއަދު މީޑިއާތަކުން ގެނެސްދީފައިވާއިރު ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ދެންމެ، ފުލުހުންގެ މީޑިއާއިން ދިވެހި މީޑިއާތަކާއެކު ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި ބުނެފައިވަނީ އެ އިއުލާނު ބާތިލުކޮށްފައިވާކަމަށެވެ.

ޝިފާން ވިދާޅުވީ އެ އިޢުލާނަކީ އާދައިގެމަތިން، ފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީންލައްވާ ކުރުވަމުންއައި މަސައްކަތްތައް ކުރުމަށް، ބިދޭސީން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށާއި އިޢުލާނު ބާތިލް ކުރެވުނީ ދިވެހިންނަށް ވަޒީފާދިނުމުގައި އިސްކަންދެވޭގޮތަށް (އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި) ފުލުހުންގެ ޚިދުމަތުން ޢަމަލު ކުރުމަށް ނިންމާފައިވާތީކަމަށެވެ.

އެ އިއުލާނުގައިވާ ބީލަމުގެ އިންފޮމޭޝަން ޝީޓުގައިވާގޮތުން އެ ފަރާތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޑަކުޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމަށްފަހު ރަޖިސްޓްރީ ކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުގައި ރަޖިސްޓްރީ ކުރުމަށްފަހު ފުލުހުންނާއި ހަވާލު ކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުމަށް ގެންނަން ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ހުރި މީހުން ގެނައުމާއި ގެންނަ ފަރާތްތަކާއި އަދި މިހާރު ތިބި ފަރާތްތަކުގެ ވޯކްޕާމިޓާއި އެފަދަ އިދާރީ ބައެއް ކަންކަން ކުރުން ހިމެނެއެވެ.

އެ އިއުލާނުގެ ޚަބަރު މީޑިއާތަކުން ޝާއިޢު ކުރުމާއެކު އާންމުންގެ ނުރުހުން އެ އިއުލާނަށް އަމާޒުވިއެވެ. އެކަން އެގޮތަށް މެދުވެރިވީ ސަރުކާރު އެއްވެސް ތަނެއްގައި ބިދޭސީން މުވައްޒަފުންގެ ގޮތުގައި ގެންގުޅެން ބޭނުންނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ފުލުހުން މިފަދަ އިއުލާނެއް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް