"ރޯޝަނީ" ބޯޓު ފުންކުރުމުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މުދާ ބަރުކޮށްގެން، 16 މީހުންނާއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ރޯޝަނީ" ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ...

05 May 2024 | 11:49

މުދާ ބަރުކޮށްގެން، 16 މީހުންނާއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ރޯޝަނީ" ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާގޮތުގައި އަށް ފަޅުވެރިންނާއި އަށް ފަސެންޖަރުންނާއެކު ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު، ވ.އަލިމަތާ ރިސޯޓުގެ ހުޅަނގުން 2.3 ނޯޓިކަލް މޭލު އެތެރެއިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް، ޑައިވަރުންގެ ޓީމަކާއެކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.

"ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ދިޔައިރު، ދިޔަވަރު ހިކިފައި އޮތުމުން، ބޯޓު ފުންކުރުމުގެ މަސައްކަތްކޮށްފައިވަނީ މިއަދު ހެނދުނު، މިގޮތުން، ބޯޓު ފުންކުރެވިފައިވަނީ، ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި، ބޯޓުގެ ނަގިލި ފުން ހިސާބަކަށް ގެންގޮސްދިނުމުން، އެ ބޯޓުގެ ފަޅުވެރިން ނަގަލި އައްސާފައިވާ ވާގަނޑަށް ދަމައި، ބޯޓު ބޭރުކޮށްގެންނެވެ. މި ބޯޓު ފުންކުރެވިފައިވަނީ މިއަދު 11:11 ހާއިރު" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މި ހާދިސާގައި ބޯޓުގެ ހަލްއާ ދިމާލުން ފައިބަރުގަނޑެއް ނައްޓައިގެން ގޮސްފައިވާކަން ކޯސްޓްގާޑުގެ ޑައިވަރުންނަށް ވަނީ ފާހަގަވިކަމަށާއި އިތުރު ގެއްލުމެއް ބޯޓަށް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް