އޭޕްރީލް ބިލުން ދޭ ޑިސްކައުންޓްގެ މައުލޫމާތު މެސެޖަކުން ކަސްޓަމަރުންނާ ހިއްސާ ކުރެވޭނެ: ފެން ކުންފުނި

އޭޕްރީލް މަހުގެ ބިލުން ދެވޭ ޑިސްކައުންޓްގެ އަދާދާއި ދެވޭ ހާލަތާއި އެފަދަ މައުލޫމާތުތައް ކަސްޓަމަރުންނަށް އެސްއެމްއެސް މެސެޖަކުން ހިއްސާކުރަމުންގެންދާނެކަމުގައި ދައުލަތުގެ ފެން ކުންފުނި މާލޭ ވޯޓާ އެންޑ...

05 May 2024 | 10:29

އޭޕްރީލް މަހުގެ ބިލުން ދެވޭ ޑިސްކައުންޓްގެ އަދާދާއި ދެވޭ ހާލަތާއި އެފަދަ މައުލޫމާތުތައް ކަސްޓަމަރުންނަށް އެސްއެމްއެސް މެސެޖަކުން ހިއްސާކުރަމުންގެންދާނެކަމުގައި ދައުލަތުގެ ފެން ކުންފުނި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރޯދަ މަހުގެ، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށާއި މިގޮތުން މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވާނެކަމަށެވެ.

"އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ %24.5، ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާންމަހުގެތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާއެކު، މިއަހަރުގެ އޭޕްރީލްމަހުގެ ބިލްތަކަށް އަންނަނިވިގޮތުގެ މަތިން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިވަޑައިގަންނަވާނެ" އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ.

އެގޮތުން  އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާރޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދެވޭނެކަމށާއި މިގޮތުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެކަމަށާއި އަދި، 2024 އޭޕްރީލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓް ދެވޭނެކަމަށާއި މީގެ އިތުރުން، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރީލް މަހުގެ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10% ޑިސްކައުންޓް ދެވޭނެކަމަށް އެމްޑަބްލިއުއެސްސީއިން މިއަދު ބުނެފައިވެއެވެ.

" ބަޔާންކޮށްފައިވާ ފަދައިން، 2024 އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް 2024 އޭޕްރީލް މަހުގެ ބިލް މިކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްވެ ދެންނެވުނު ގޮތަށް އިސްލާޙު ކުރުމުން ޢަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ޙާލަތުގައި އެ މަޢުލޫމާތުވެސް 5 މެއި 2024 ވަނަދުވަހުންފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެ" އެ ކުންފުނިން ބުނެފައިވެއެވެ.

ކަރަންޓުބިލާއި ފެންބިލަށް އިތުރަށް މިލިބިދެވުނު ލުޔާއެކު ލަސްނުކުރައްވައި ބިލްތައް ދެއްކެވުމަށް ހުރިހައި ކަސްޓަމަރުންނަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް