ދުވަހުގެއިރު އޮއްސެމުންދިޔައިރު އުޑުމަތިން ފެންނަމުން ދިޔަ އެކިއެކި ކުލަތަކަށް ހިތްދޫކޮށްލައިގެން ހުޅުމާލޭގެ ބީޗުގައި ހުރި ގޮނޑިއެއްގައި މިފްޒާލް އިށީނދެލައިގެން އިނެވެ. އިރު އޮއްސެމުންދިޔައިރު އުދަރެހުން ފެންނަމުން ދިޔަ ކުލަތަކާއި، އިރުއޮއްސޭ ދިމާލުން ކަނޑުން ފެންނަމުންދިޔަ ރަންކުލަތައް މިފްޒާލްގެ ކުރިމަތީގައި ބަހައްޓާފައިހުރި ބޯޑުގައި ހަރުކޮށްފައިވާ ކެންވަންސްގައި ކުރަހާލެވޭތޯ މިފްޒާލް މަސައްކަތް ކުރަމުން ގެންދިޔައެވެ. މިފްޒާލް މަސައްކަތް ކުރަމުންދިޔައީ ފެންނަމުންދިޔަ މަންޒަރަށްވުރެވެސް ތަފާތުކޮށް ރީތިކޮށް އެމަންޒަރު ކުރަހާލެވޭތޯ އެވެ. ކޮންމެ އަހަރަކުވެސް އާޓް ގެލެރީގައި ބާއްވަމުން ގެންދާ ކުރެހުމުގެ މުބާރާތުން މިފްޒާލަށް އެކަށީގެންވާ ކާމިޔާބީއެއް ލިބެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު މި މުބާރާތުން މިފްޒާލަށް އެއްވަނަ ލިބިފައިވަތީ މިފަހަރުވެސް މިފްޒާލްގެ ޢަޒުމަކީ ތިންވަނަ ފަހަރަށް މުބާރާތުން އެއްވަނަ ހޯދުމެވެ.
މިފްޒާލްގެ ކޮންމެ ކުރެހުމަކީވެސް އެކުރެހުމަކަށް ވަރަށް ގިނަ މީހުން ޝައުޤުވެރިވާ ކުރެހުން ތަކެކެވެ. ތިންވަނަ ފަހަރަށް މުބާރާތުން އެއްވަނަ ހޯދުމުގެ މަޤްޞަދުގައި މި މަންޒަރު ކުރެހުމަށްޓަކައި މިފްޒާލް ހުޅުމާލޭ ބީޗަށްދާތާ މެދުނުކެނޑި ތިން ދުވަސްވީއެވެ. ގަޑިން ހަގަޑި ބައިވިއިރު މިފްޒާލްގެ ކުރެހުންވަނީ ނިމުމަކަށް އައިސްފައެވެ. ވަށައިގެންވާ މާހައުލަށް އަނދިރިކަން ވެރިވާން ފެށުމާއެކު ކުރެހުމަށް ގެނައި ތަކެތި އެއްކޮށްލައިގެން މިފްޒާލް ގެއަށް ދިޔުމަށް ހިނގައިގަތެވެ. ދުރުގައި ޕާކުކޮށްފައިއޮތް ކާރުގެ ޑިކީއަށް ބައެއްތަކެތި ލުމަށްފަހު އަނެއްބައި ތަކެތި ހިފައިގެން ކާރަށް އަރާ މިފްޒާލް ކާރު ދުއްވާލިއެވެ. ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކާރު ދުއްވަމުންގޮސް ކާރު ހުއްޓާލީ ހުޅުމާލޭ ޕްލެޓިނަމް ޓަވަރ ކައިރިއަށެވެ. ކާރު ޕާކު ކުރުމަށްފަހު ކާރުތެރޭގައިހުރި ތަކެތި ހިފައިގެން ދިޔައީ ފްލެޓަށެވެ.
މިފްޒާލް ލިފްޓުން އަރައިގެން ދުވެފައިކަހަލަ ގޮތަކަށްގޮސް ސިޓިން ރޫމަށްވަދެ އަތުކުރީގައިއޮތް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަތްގަޑިބައިވަނީ އެވެ. މިފްޒާލް އަވަސްއަވަހަށްގޮސް ކޮޓަރިއަށްވަދެ ލަވަޖަހާ ސެޓުން އެފް އެމް ރޭޑިއޯ ހުޅުވާލިއެވެ. އޭރު އެފްއެމުން އަންނަނީ މިފްޒާލް އެންމެ ބޭނުންވާ ލަވަ ޕްރޮގްރާމެވެ. ލަވަޖަހާ ސެޓުގެ އަޑު ބާރުކޮށްލުމަށްފަހު މިފްޒާލްވަނީ ފާހާނާއަށެވެ. ލަވަ ނިމުމަށްފަހު އިވިގެންދިޔައީ މިފްޒާލް އެންމެ އަޑުއަހަން ބޭނުންވާ އަޑެވެ. އައިލީންގެ އަޑު އިވެން ފެށުމާއެކު މިފްޒާލްގެ މެޔަށް ފިނިކަމެއް ލިބިގެންދިޔައެވެ. އައިލީންގެ އަޑުގައި އެވާ އަންހެންވަންތަ ނާޒުކީ އަޑަކީ މިފްޒާލްގެ ސިކުނޑިއަށް ލިބިދޭ އަރާމެކެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު މިފްޒާލް އަށް ބުނަން ނޭނގޭ އެތައް ގޮތްތަކެއް ވެގެން ދެއެވެ. އެތައް އިޙްސާސްތަކެއް ކުރެވިގެން ދެއެވެ. އައިލީންއާ ބައްދަލުކޮށް ވާހަކަ ދައްކާލަން މިފްޒާލް ބޭނުންވެއެވެ. އެއަޑުން މިފްޒާލަށް ގޮވާލާ އަޑުއަހާލަން މިފްޒާލް ބޭނުންވެއެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ އައިލީން އާ ބައްދަލުވުމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް މިފްޒާލްގެ އުއްމީދުތައް ފުރިހަމަ ނުވިނަމަވެސް މިފްޒާލް އުއްމީދު ކުރަމުން ގެންދަނީ ވަރަށް އަވަހަށް އެ އުއްމީދުތައް ފުރިހަމަ ވެގެންދާނެ ކަމަށެވެ. ފެންވަރަށްހުރި އިރުވެސް މިފްޒާލްގެ ހިތުގައިވަނީ އައިލީންގެ ނަމެވެ. އައިލީންގެ އެ އަސަރުގަދަ ހިތްދަމައިގަންނަފަދަ އަޑެވެ. ފޯނުން ނަމަވެސް އައިލީން އާ ވާހަކަ ދެއްކޭނެ ދުވަހަކީ މިފްޒާލް އެންމެ އުފާވާނެ އެއްދުވަހެވެ. އެއަޑަށް ގެއްލިފައި ހުއްޓާ ކުއްލިއަކަށް ރޭޑިޔޯގެ އަޑު ކެނޑުނެވެ.
"ކާކު....؟ ކާކު ރޭޑިޔޯ ނިއްވާލީ....؟" މިފްޒާލް ވަރަށް ބާރަށް ގޮވާލިއެވެ.
"އަންޖޫ....! އަންޖޫ އޭ ނިއްވާލީ....! މިފްޒާލްތަ ރޭޑިޔޯ ހުޅުވީ....؟ ހާދަ އަޑުގަދަ ކޮށްލާފައި...." މިފްޒާލްގެ އަންހެނުން އަންޖަލް ގޮވާލިއެވެ.
އަންޖަލްއަކީ، މިފްޒާލްގެ އަނބިމީހާ ކަމުގައިވާތީ އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުވަތަ އަހާކަށްވެސް މިފްޒާލްއަކަށް ނުކެރުނެވެ. ހިތުގައިވާ ހުރިހާ އުދާސްތަކެއް އޮއްބާލައިގެންހުރެ ފެންވަރައިގެން ނުކުތީއެވެ.
"ބޭރުގައި އިނދެފަ ކޮޓަރި ތެރޭގައި މާ އަޑުގަދަ ވެގެން ކޮޓަރިތެރެއަށް މިއައީ.... އެހާ އަޑުގަދަ ނުކުރިޔަކަސް ވެދާނެ އެއްނު...." އަންޖަލް ތުވާލި ނަގާ ހަރުގައި އަޅުވާލަމުން ބުނެލިއެވެ.
"ފެންވަރަން ހުންނައިރު އަޑު އިވޭވަރަށް ވޮލިއަމް ޖައްސާލީ.... ފެންވަރާލާއިރު ރޭޑިއޯގެ އަޑު އިވުނީމާ ކިހާ އަރާމު...." އަންޖަލްއާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"އަންޖޫ ހީކުރަނީ ޢާންމުކޮށް ރޭޑިއޯ އަޑުއަހަނީ ރަށްރަށުގައި އުޅޭ މީހުންކަމަށް.... މީގެ ކުރިން މިފްޒާލް ރޭޑިއޯ އަޑުއަހާ ތަނެއް، ރާއްޖޭގެ ޓީވީ ޗެނަލެއް ބަލާތަނެއް ދުވަހަކުވެސް ނުދެކެން....! މިހާރަކަށް އައިސް އަބަދު ރޭޑިއޯ އަޑުއަހަނީ އަނެއްކާ ކިހިނެތްވީ...؟ މާ ޚާއްޞަ ޕްރޮގްރާމެއް އަންނަނީތަ....؟: ތުވާލި ހަރުގައި އަޅުވާލުމަށްފަހު އަލަމާރިން ޓީޝާޓެއް ނަގައިގެން އައިސް މިފްޒާލާ ދިމާއަށް ދިއްކޮށްލަމުން އަންޖަލް ބުނެލިއެވެ.
"މިހާރު މިއެނގެނީ، ރޭޑިއޯ އިންވެސް ހާދަ ރަނގަޅު މަޢުލޫމާތުތައް ލިބޭ ޕްރޮގްރާމްތައް އާދެޔޭދޯ.....؟ އަނެއްކާ އެހެރަ އަންނަ ރީތި ލަވަތެކެއް....! ކޯއްޗެއް މިރޭ ކާންހުރީ.... ވަރަށް ބަނޑުހައިވެއްޖެ....! މައުޟޫޢު ބަދަލުކޮށްލުމުގެ ގޮތުން މިފްޒާލް ބުނެލިއެވެ.
"ބަނޑުހައިވާނެ އެއްނު.... ސައިބޮއިގެންދާށޭ އެވަރަށް ބުނީމަވެސް އެއްޗެއް ނުކައި ދިޔައީ ވިއްޔަ....! ކޮބާ މިހާރު ތިކުރަހާ ފޮޓޯ ކުރަހާ ނިމިއްޖެތަ....؟ ޑްރެސިން ޓޭބަލް މަތީގައިހުރި ތަކެތި ރަނގަޅުކޮށްލަމުން އަންޖަލް ވާހަކަ ދެއްކިއެވެ.
"ޔޭސް...! އޯލްމަސްޓް ޑަން....! ދެން ބައެއް ތަންތަންކޮޅު ޓަޗްކޮށްލުން އޮންނާނީ....! އޭރުން ވަރަށް ފުރިހަމަވާނެ....! އިރާދަކުރެއްވިއްޔާ މިފަހަރުވެސް އެއްވަނައަށް މި އުއްމީދު ކުރަނީ.... އަންޖޫ ބަލާލައްޗޭ.... ވަރަށް ފުރިހަމަވާނެ....! ހިނގާބަލަ ދެން އެއްޗެއް ކާންދޭން.... ހާދަ ބަނޑުހައިވެޔޭ އެބަ....! ގެއަށް އަންނަނިކޮށް ދިމާވި މީހަކުބުނި މުބާރާތް އަވަސް ވެއްޖެއޭ ކިޔާފަ ރޭޑިއޯ އިން ގޮވިޔޯ.... އަނެއްކާ ތެދެއްބާ އެއީ...؟" މިފްޒާލް ގޮސް އަންޖަލްގެ ފަހަތުން ދެކޮނޑުގައި ހިފާލުމަށްފަހު ވާހަކަ ދެއްކިއެވެ.
މިފްޒާލް ބޭނުންވީ އެއްޗެކޭ ކިޔައިގެން އަނެއްކާވެސް ރޭޑިއޯ ހުޅުވާށެވެ. މިހެން ބުނުމަށްފަހު މިފްޒާލްގޮސް ރޭޑިއޯ ހުޅުވާލިއެވެ. އޭރުވެސް އައިލީންގެ ޕްރޮގްރާމް ރޭޑިއޯ އިން އަންނަމުން ދިޔައެވެ.
"ތީ ބަނޑުހައިވެގެން އުޅޭ މީހާ....! ތި ރޭޑިއޯ ނިއްވާލާފަ ހިނގާ ކާން.... ފްރައިޑް ރައީސް ހުންނާނީ.... ދެން ހުންނާނީ އަލުވި ރިހަ ހިކިކޮން ހަދާފަ.... ތި ނިއްވާލާފަ ހިނގާބަލަދެން....! އަންޖަލް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.
"މުބާރާތް އަވަސްވީއޭ މީހަކު ބުނީމަ ރޭޑިއޯ މި ހުޅުވާލީ...! މުބާރާތް އޮންނަ ދުވަހެއް އެނގުނީމަތާ އެދުވަހަކަށް ކުރެހުން ނިންމާލެވޭނީ.... އެހެންވެ....! ހިނގާ ކާންދަމާ.....!" ހިތާ ދެކޮޅަށް ރޭޑިއޯ ނިއްވާލުމަށްފަހު ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.
"މުބާރާތް އޮންނަ ދުވަހަށް ތި ކުރެހުން ނިންމާ ނުލެވިއްޖިއްޔާ އަންޖޫގެ ފޮޓޯއެއް މުބާރާތުގައި ބައިވެރިކޮށްބަލަ....! އަންޖޫގެ ބައިވަރު ފޮޓޯ މިފްޒާލް ކުރަހާފަ އެބަހުއްޓެއްނު....! ޔަޤީން އެއްވަނަ ލިބޭނެކަން....!" ހީނލާފައި ސަމާސާ ރާގަކަށް އަންޖަލް ބުނެލިއެވެ.
"އާނ....! މި މުބާރާތުގެ މައުޟޫއާ އަންޖޫއާ ވަރަށް ބޮޑަށް ގުޅޭ....! އަންހެންކުއްޖެއްގެ ރީތކަމަށް ވުރެ ހައިރާންކުރަނިވި ޖާދޫއަކީ ވަކިކޮބާ....؟ އަދި އެވެސް މަގޭ އަންހެނުން....! އެހެންވީމަ ތިވެސް ހެދިދާނެ ގޮތެއް.....! މިމުބާރާތުގައި ކޮންމެ އާޓިސްޓަކަށްވެސް އެއް ކުރެހުމަށް ގިނައިން ކުރެހުން ބައިވެރި ކުރެވޭހެން ހީވަނީ.... އެހެންވީމަ ކީއްވެ އަންޖޫގެ ކުރެހުމެއް މި މުބާރާތުގައި ބައިވެރި ނުކުރެވެންވީ.... ވަރަށް ސަޅި އައިޑިއާއެއް ތިދިނީ...!" ކާމޭޒު ދޮށުގައި އިށީންނަމުން މިފްޒާލް ބުނެލިއެވެ.
"ސާބަސް....! އެއީ ދެން އެހެން ބުނިއެއްޗެއް ނޫނޭ...." ތައްޓަށް ބަތް އަޅަމުން އަންޖަލް ބުނެލިއެވެ.
ޖެހިގެން އައިދުވަހު ހެނދުނު އާދައިގެ މަތިން މިފްޒާލްދިޔައީ އޮފީހަށެވެ. ދުވަހަކީ އާދީއްތަ ދުވަސްކަމުގައިވާތީ އެދުވަހަކީ އޮފީހުގެ މަސައްކަތްތައް އެހެން ދުވަސްދުވަހަށްވުރެ ގިނަ ދުވަހެކެވެ. މިފްޒާލް، މަސައްކަތްތަކުގައި އަވަދިނެތި އުޅެނިކޮށް ކެބިންއަށް ވަދެގެންއައީ ހުމައިދު އެވެ. ހުމެއިދު އަކީ މިފްޒާލް އާ އެއް ސެކްޝަނެއްގައި މަސައްކަތް ކުރާ މިފްޒާލްގެ އެންމެ ގާތް އެއް ރަޙްމަތްތެރިޔާއެވެ.
"ހާދަ ބިޒީކޮށް.... ސައިބޯން ދާންވެސް ޚަބަރެއް ނުވީމަ މިއައީ....! މިއަދު އަނެއްކާ ގެއިން ސައިބޮއިގެންތަ އައީ...." ކެބިން ތެރެއަށް ވަދެގެން އައި ހުމެއިދު އަހާލިއެވެ.
"ނޫނޭ.... އަދި ބިޒީ ކަމުން ނުދެވިގެން....! މިއަދު ސައިބޯން ބޭރަށް ނުގޮސް، ފިހާރައަށް ގޮސް އެއްޗެއް ގަނެގެން އައިސް އޮފީސް ސައިކޮޓަރިން ސައިބޮމާ...؟ އޭރުން ޓައިމް ސޭވް ވާނެއެއްނު....! ވަރަށް މަސައްކަތްގިނަ ދުވަހެއް....." މިފްޒާލް ޚިޔާލެއް ދިނެވެ.
"ތީގައޮތީ ހަމަ މިފްޒާލް ބޭނުން ގޮތެކޭ....! ހިނގާ އެހެންވީމަ މިތާ ކުރިމަތީހުރި ފިހާރައަށް އެއްޗެއް ގަންނަން....! ހުމެއިދު ހިނގައި ގަންނަމުން ބުނެލިއެވެ.
މިފްޒާލް އާއި ހުމެއިދު ފިހާރައަށް ގޮސް ބިސްކޯދާއި ހެދިކާ އަދި ކޮފީ ގަނެގެން އައިސްވަނީ އޮފީސް ސައި ކޮޓަރިއަށެވެ. ސައިކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނުމާއެކު މިފްޒާލަށް ފެނުނީ ސައިކޮޓަރީގެ ފާރުގައި ހަރުކޮށްފައިހުރި ޕޯސްޓަރު ތަކެވެ. ރޭޑިއޯ އިން އަލަށް ފަށާ ޑްރާމާއެއްގެ އިސްތިހާރު ޕޯސްޓަރު ތަކެކެވެ. ޑްރާމާގެ މެއިން ކަރެކްޓަރގެ ބައިކުޅެނީ މިފްޒާލްގެ ހިތުގެ ރާނީ އައިލީން އެވެ. އޭގެ ތެރެއިން ދެޕޯސްޓަރެއްގައި އައިލީންގެ ވަރަށް ރީތި ދެފޮޓޯއެއް ވެއެވެ. އައިލީން އަކީ މޮޑެލްކުރާ ކުއްޖަކަށްވާތީ، މި ދެފޮޓޯގައިވެސް އައިލީން ފެންނަނީ ވަރަށް ފުރިހަމައަށެވެ.
"ސާބަސް....! ހާދަވަރަކަށް ތި ބަލަނީ...! ތިއީ ރޭޑިއޯ ޑްރާމާއެއްގެ އިސްތިހާރެކޭ.....!" މިފްޒާލް ޕޯސްޓަރަށް ބަލަން އިނުމާއެކު ހުމެއިދު ބުނެލިއެވެ.
"މިތާނގަ ކީއްވެ މި ޕޯސްޓަރުތައް ހަރުކޮށްފަ މިހިރީ...." ޕޯސްޓަރުތަކާ ދިމާއަށް ބަލަން އިނދެ މިފްޒާލް ސުވާލު ކޮށްލިއެވެ.
"ތިއީ، ހެނދުނު މިތާ ކައުންޓަރަށް ކޮންމެސް މީހަކު ގެނެސްފަހުރި އެއްޗެއް.... މިތާ ހަރުކޮށްފަ ތިހިރީ..... ރޭޑިއޯ ޑްރާމާއެއް...." ހުމެއިދު ސައިބޮމުން ވާހަކަ ދެއްކިއެވެ.
"މިފްޒާލް ބޭނުން މި ދެޕޯސްޓަރު މިފްޒާލްގެ ކެބިންގަ ހަރުކުރަން...." އައިލީން ފެންނަންހުރި ދެ ޕޯސްޓަރު ދައްކާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 07 މެއި ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
އެޑިޓަރުގެ ނޯޓް:
މިއީ އާ ވާހަކައެއްގެ ފެށުމެވެ. މި ވާހަކައަކީ އެންމެ ފަހުން ދުވަސް ނޫހުން ގެނެސްދިން "އަބަދުވެސް އިންތިޒާރުކުރާނަން" މި ވާހަކައިގެ ލިޔުންތެރިޔާ "އައްބީ"ގެ އާ ވާހަކައެކެވެ. މި ވާހަކައިގެ އެޕިސޯޑްތައް ގެނެސްދެވޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައެވެ. ކުރީގެ ވާހަކައަށް ލިބިގެންދިޔަ ވަރުގެ ނޫންނަމަ އެއަށްވުރެ ބޮޑު ތަރުހީބެއް މި ވާހަކައަށް ލިބިގެންދާނެކަމުގައި ވާހަކައިގެ ލިޔުންތެރިޔާ އުންމީދު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް