ރުއް އާލާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމް މިއަދު އިފްތިތާޙުކޮށްފި

ރާއްޖޭގައި ރުއް އާލާކުރުމަށް ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމް މިއަދު އިފްތިތާޙުކޮށްފިއެވެ. "ރުކުގެ އާ ޖީލެއް" މި ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ހދ.ވައިކ...

05 May 2023 | 11:20

ރާއްޖޭގައި ރުއް އާލާކުރުމަށް ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމް މިއަދު އިފްތިތާޙުކޮށްފިއެވެ.

"ރުކުގެ އާ ޖީލެއް" މި ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ހދ.ވައިކަރަދޫގައެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރާ ގޮތުގައި މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3-4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓް ގެ) ދެވައްތަރެއްގެ (ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ) 5000 ރުއް ހޯދައިގެން މިހާރު ވަނީ ރާއްޖެ ގެނެސްފައި ކަމަށެވެ.

އަދި މިރުއްތައް، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހަމައެހެންމެ އެގްރިކަލްޗަރަލް މިނިސްޓްރީން ތިލަދުންމައްޗައް ކުރަމުންދާ ދަތުރުގައި ވައިކަރަދޫގެ އިތުރުން ނޭކުރެންދޫ، އުތީމު އަދި ހޯރަފުށީގައި ރުއް އިންދުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އެކައުންސިލުތަކަށް ރުއްގަނޑު އަޅާ ދިނުމަށް ބިންހޯދުމަށް މިނިސްޓްރީން ހުށައެޅުމުން، ރަށުގެ ލޭންޑްޔޫޒް ޕްލޭނަށް ބިނާކޮށް ރުއްއިންދުމަށް ޖާގަ ދީފައިވާ ހުރިހާ ކައުންސިލަކަށް ހިލޭ ރުއް ހަދިޔާ ކުރުމަށް މިހާރު ވަނީ ނިންމާފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރުއް ހޯދުމަށް ބޭނުންވާ އެހެން ކައުންސިލްތަކުންވެސް، ރަށުގެ ލޭންޑް ޔޫޒް ޕްލޭނުގައި ރުއް އެޅުމަށް ލިބެންއޮތް ބިމުގެ ބޮޑުމިނާއި ސަރަހައްދު އެނގޭގޮތަށް އެގްރިކަލްޗަރ މިނިސްޓްރީއަށް ހުށައެޅުމުން، ރުއްލިބެންހުރި ނިސްބަތަކުން، އެރަށްރަށަށްވެސް ރުއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް އެގްރިކަލްޗަރަލް މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗަރަލް މިނިސްޓްރީން ރުށް އިންދައި ރުވަން ފަށާފައި މިވަނީ ހުޅަނގު މޫސުމުގެ ވާރޭ ވެހެންފެށުމާ އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް