ދުވަހުގެ މޫސުމަށް ބަލައިލާއިރު ދިޔަވަރު ބޮޑު ވަގުތުތަކުގައި ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް މިއަދު ގަދައެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑޫތައް އާދައިގެވަރަކަށް ގަދައެވެ. ވިލާގަނޑުގައި ގަދަވާނެއެވެ.
މިއަދު ރާޅުގެ އުސްމިން ހުރީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
ވިއްސާރައިގެ ހާލަތަށް ބަލައިލާއިރު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މެޓުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
ވަޔަށް ބަލައިލާއިރު ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއިދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް