މާލޭގައި ހިންގާ ގަރާޖެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިސްކަނދަރު މަގުގައި ހުންނަ އޭއެސްއެމް ގަރާޖުގައި އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ފަޔާ އެންޑް ރެސްކިއުއަށް ކުރީ މިރޭނުވައެއް ޖެހިފަހުން ކަމަށެވެ.
ގަރާޖުގައި ރޯވި އަލިފާންގަނޑު ނިވާލާފައިވަނީ 9:28 ގައި އެވެ. މި ހާދިސާގައި ގަރާޖުތެރޭގައި އޮތް ކާރަކަށާއި އެތަނުގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ގަރާޖުގައި އަލިފާން ރޯވީ އެތަނުގައި ބޭނުންކުރާ ގޭސް ސިލިންޑަރެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. ގޭސް ސިލިންޑަރުގައި ރޯވާން މެދުވެރިވި ސަބަބު އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުގެ21 ވަނަ ދުވަހުވެސް މާލޭގައި ހިންގާ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެފަވެ އެވެ. ގަލޮޅުގައި ހިންގާ އެ ގަރާޖުގައި ރޯވުމުގެ ސަބަބުން ގަރާޖު ކުރިމަތީގައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް އަނދާފައިވާއިރު ގަރާޖަށްވެސް ބޮޑެތި ގެއްލުންވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް