ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް އަހަރެއްވީ އިރުވެސް، ރަނގަޅަށް ތަހުގީގު ނުކުރެވޭ: އާއިލާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާއަށް އަހަރެއްވީ އިރުވެސް، ރަނގަޅަށް ތަހުގީގު ނުކުރެވޭ ކަމަށް އެ މަނިކުފާނުގެ އާއިލާއިން ބުނެ...

05 May 2022 | 09:21

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާއަށް އަހަރެއްވީ އިރުވެސް، ރަނގަޅަށް ތަހުގީގު ނުކުރެވޭ ކަމަށް އެ މަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

2021 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ވަނީ ފަރުވާ ހޯއްދަވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގާއި ގުޅިގެން، އެ މަނިކުފާނުގެ އާއިލާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި މިކަމަށް ހަރަދުކޮށްފައިވާ މީހުން ހޯދުމަށް އެކަށީގެންވާ ތަހުގީގެއް ހިންގުމަށް އެދޭ ކަމަށެވެ.

މި ހަމަލާގެ ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާއިރު ހަމަލާގެ ކުރީ ސަފުގައި ތިބި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހައްމިއްޔަތުކަން ދީފައި ނުވާތީ ބަޔާނުގައި އާއިލާ އިން އެކަން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅޭ ކަންކަން ތަނަވަސް ގޮތެއްގައި ތަހުގީގު ކޮށްފައި ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ސެކިއުރިޓީ ސަބަބުތަކާ ހުރެ ނަޝީދު ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ހިންގަވަން ޖެހޭ ހަރަކާތްތަކާއި، ސިޔާސީ ގޮތުންނާއި އާއިލާ އަދި ގާތްތިމާގެ މީހުންނާ ހިންގަންޖެހޭ މުއާމަލާތްތަކަށް ބުރޫ އަރާފައިވާކަން ހާމަކޮށްފައެވެ.

މި ހަމަލާއަށް ފަހު ނަޝީދު ހޮސްޕިޓަލަށް ގެންދިޔަ ބޮޑީގާޑުން އަދި އޭޑީކޭގައި ފަރުވާދެއްވި ޑޮކްޓަރުންނަށް ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް