އިންޑިއާ ޓީޗަރަކު ކައިވެނި ކުރި ދުވަހު ދެ ހަފްލާ ދޭތެރެއިން ކްލާސް ނަގައިދިނުމުން ސަމާލުކަން!

އިންޑިއާގެ ރާޖަސްތާނުގެ އަލްވާރު ސިޓީގެ ޓީޗަރަކު ކައިވެނީގެ ދުވަހު ޗުއްޓީ ނުނަގައި ކިޔަވައިދީގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ. ޕްރިޔޭ ކުމާރް ގޯރަވް ކިޔާ އެ ޓީޗަރަކީ އެ ސިޓީގައި މަޝްހޫރު ކަރ...

05 May 2022 | 05:30

އިންޑިއާގެ ރާޖަސްތާނުގެ އަލްވާރު ސިޓީގެ ޓީޗަރަކު ކައިވެނީގެ ދުވަހު ޗުއްޓީ ނުނަގައި ކިޔަވައިދީގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ޕްރިޔޭ ކުމާރް ގޯރަވް ކިޔާ އެ ޓީޗަރަކީ އެ ސިޓީގައި މަޝްހޫރު ކަރަންޓް އެފެއާޒް ޓީޗަރެކެވެ. އަދި އޭނާ އަކީ އޮންލައިންކޮށް އެންމެ ގިނަ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުން ދުނިޔޭގެ ރެކޯޑު އޮންނަ މީހެކެވެ.

އޭނާ އޮންލައިންކޮށް ކިޔަވައިދެނީ އިންޑިއާގައި ކުރިޔަށް ގެންދާ "ޝިކްޝާ ރަތް" ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ ކުދިންނަށެވެ. އެ ޕްރޮގްރާމަކީ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ ތައުލީމުގެ އިތުރުން ކިޔެވުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހިލޭ އޮންލައިން ކްލާސް ހިންގައިދޭ ދިއްލީ ބޭސް ކޯޗިން އިންސްޓިޓިއުޓެކެވެ.

އެ އިންސްޓިޓިއުޓުން ބުނީ މީގެ ފަސް މަސް ކުރިން ޕްރިޔޭ ކައިވެނި ކުރާ ވާހަކަށް ރަސްމީކޮށް އެތަނަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އާންމު ގަވައިދުގެ ދަށުން އޭނާއަށް ފަސް ދުވަހުގެ ޗުއްޓީއެއް ދީފައިވާ ކަމަށެވެ.

އެކަމަކު ކައިވެނި ގާތްވުމުން އެ ޗުއްޓީ ނަގަން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

މީހުންގެ ސަމާލުކަން އޭނާއަށް ލިބުނީ ކައިވެނި ދުވަހު ބޭއްވި ހިންދޫ ދީނުގައި ބާއްވާ ސަންގީތު ހަފްލާއަށް ފަހު އަވަސް ކޮށްލާފަ އޭނާ އޮންލައިން ކްލާހެއް ނަގައި ދިނުމުންނެވެ. އަދި ކައިވެނީގެ ދެން އޮތް ހަފްލާ ކުރިޔަށް ގެންދިޔައީ އެ ކްލާސް ނިމުމުން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް