މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.
އެގޮތުން ސެމީފައިނަލަށް ހޮވުނީ ފަހުލަވާނާއި ވައިޕާރސްއާއި އެސް.ޖީ.ސީގެ އިތުރުން ކޭއެފްސީއެވެ.
ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން ކުރިއަށް ގެންދާ ބީއެމްއެލް ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގެ ފަހުމެޗުގައި މިއަދު ހަވީރު ފަހުލަވަނާއި ދެކޮޅަށް ޒުވާން ކުޅުންތެރިން އެކުލެވޭ އަހަރުމެން އެފްސީންވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ފަހުހާފުގެ 6 ވަރަކަށް މިނެޓްގެ ކުޅުން ނިމިގެން ދިޔައިރުވެސް އަހަރުމެން އެފްސީ ކުރިހޯދާފައި އޮތް ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ފަހުލަވާނުންވަނީ އެކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފައި 6 ލަނޑު 3 ލަނޑުން މެޗް ކާމިޔާބުކޮށް ގްރޫޕް އޭގެ 1 ވަނަ ހޯދާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހަރެމެން އެފްސީގެ ފަހުދު އިސްމާޢީލްއެވެ. މިގްރޫޕް ސެމީގެ 2 ވަނަ ޖާގަ ހޯދީ ވައިޕާރސްއެވެ.
މުބާރާތުގެ ގްރޫޕް ބީގައި ފަހުމެޗާއި ކުރިމަތިލި އިރު ތިން ޓީމަށް ވެސް ސެމީއަށް ދިއުމުގެ ފުރުޞަތު އޮތީ ހުޅުވިފައެވެ. 2 ލަނޑު 1 ލަނޑުން ރޭވަންސް ގެ މައްޗަށް ކޭއެފްސީ މޮޅުވުމާއެކު ސެމީއަށް ހޮވޭނެ ޓީމުތައް ކަނޑައަޅަން ޖެހުނީވެސް ހެޑްޓުހެޑްގެ އުޞޫލަށް ބަަލައިގެންނެވެ.
ތިން ޓީމުގެ މެޗްތައް ނިމުނުއިރު ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެހިސާބުން ފައިދާ ގޯލަށް ބެލުމުންވެސް ތިން ޓީމުވެސް ފައިދާ ގޯލެއް ނެތުމުން އެއްވަރުވެ ޖެހި ގޯލަށް ބެލުމުން ކޭއެފްސީއާއި ރޭވަންސްއަށްވުރެ އެސްޖީސީން ޖަހާފައިވާ ގޯލެއް ގިނަވުމުން އެސްޖީސީ އަށް ސެމީން ޖާގަ ލިބި ދެ ވަނަ ޓީމެއް ކަނޑައަޅަން ބެލިއިރު އަނެއް ދެޓީމު ހުރިހާ ގޮތަކުން އެއްވަރުވެފައިވާތީ ހެޑްޓުހެޑްގެ އުޞޫލަށް ބަލައިގެން 2 ޓީމު ބައްދަލުކުރި މެޗުން މޮޅުވާ ޓީމަށް ފުރުޞަތު ލިބޭ އުޞޫލުން ކޭއެފްސީއަށް ވަނީ ސެމީފައިނަލުން ޖާގަ ލިބިފައެވެ.
މިރޭގެ މެޗްގައި ރޭވަންސްއިން މޫސާ ނަޢީމު ގޯލެއްޖަހާ ކުރިހޯދާފައިވަނިކޮށް ކޭއެފްސީގެ 2 ގޯލުވެސް ކާމިޔާބުކޮށްދިނީ މޫސާ ޖަމާލްއެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީވެސް ޖަމާލްއެވެ.
މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ހަވީރު ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗްގައި ވާދަކުރާނީ ފަހުލަވާނާއި ކޭއެފްސީއެވެ. މާދަރޭ ކުޅޭ ސެމީފައިނަލް 2 ވަނަ މެޗްގައި ވާދަކުރާނީ އެސްޖީސީއާއި ވައިޕާސްއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ހަވީރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް