ކޯވިޑްގެ ނުރައްކަލުގެ ތެރޭގަ ކެމްޕަސްތަކަށް ދިއުން މަޖުބޫރުކުރާތީ އެމްއެންޔޫ ދަރިވަރުން ނުރުހުންފާޅުކުރަނީ

ކޯވިޑް-19 ފެތުރޭ މި ނުރައްކާތެރި ހާލަތުގައި ވެސް ކެމްޕަސްތަކަށް ދިއުން މަޖުބޫރުކުރަނީ ކަމަށް ބުނެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުން ނުރުހުންފާޅުކުރަން ފަށައެވެ. ރޯދަ މަހަށް ފަހު ކެމ...

05 May 2021 | 18:13

ކޯވިޑް-19 ފެތުރޭ މި ނުރައްކާތެރި ހާލަތުގައި ވެސް ކެމްޕަސްތަކަށް ދިއުން މަޖުބޫރުކުރަނީ ކަމަށް ބުނެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުން ނުރުހުންފާޅުކުރަން ފަށައެވެ.

ރޯދަ މަހަށް ފަހު ކެމްޕަސްތަކަށް ގެންގޮސްގެން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށާއި ޖޫން މަހު އޮންނަ ފުރަތަމަ ސެމިސްޓާގެ އިމްތިހާނުތައް ވެސް ކެމްޕަސްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ހަދާ ގޮތަށް އެމްއެންޔޫއިން ނިންމާފައި ވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ދަރިވަރުން ދަނީ މީސްމީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ.

މި ދަނޑިވަޅުގައި އެންމެ ރައްކާތެރި ގޮތަކީ އިމްތިހާންތަކާއި ކުލާސްތައް އޮންލައިންކޮށް ބޭއްވުން ކަމަށް ބުނެ ގިނަ ދަރިވަރުންތަކެއް ވަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކޮށްފައެވެ. އޮންލައިންކޮށް މި ޕެޓީޝަނުގައި ސޮއިކުރުން މިހާރު ވެސް އެބަ ކުރިއަށްދެއެވެ.

https://twitter.com/MUlwaan/status/1389656853806608384?s=19

އިމްތިހާންތަކާއި ކުލާސްތައް ކެމްޕަސްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކުރިއަށްގެންދަން ނިންމާފައި ވާ ކަމަށް ބުނެ ބައެއް ދަރިވަރުން ވަނީ އެ ތަނުގެ އިސްވެރިންނަށް ސިޓީއަކުން ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މި ސިޓީގެ ކޮޕީއެއް ދުވަސް އަށް ލިބިފައިވެއެވެ،

ދިވެހިރާއްޖޭގެ މި ވަގަުތުގެ ހާލަތަށް ބަލާއިރު މިއޮތީ ބަލީގެ އެންމެ ނުރައްކާ ހާލަތުގައެވެ.

ރާއްޖެއިން މިއަދު އެކަނި ވެސް 734 މީހަކަށް ބަލިޖެހިފައި ވެ އެވެ. މި އަދަދަކީ ރާއްޖޭގައި ރެކޯޑް އަދަދެކެވެ. އިއްޔެ ވެސް 600 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހުނެއެވެ. އަދި އޭގެ ކުރީ ދުވަހގެ އަދަދު 500 އަށް ވުރެ މައްޗެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިންތިހާއަށް ހަލުވެ ޙާލަތު ނުރައްކާވުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ވެސް ވަނީ ފުޅާކޮށްފައެވެ. އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައި މަވަނީ މިހާރުވެސް ރައްކާތެރިވުމުގެގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅޭގޮތުން އެސެންޓަރުން ބުނީ ކޯވިޑް-19ގެ އާ ރާޅާއެކު އެސެންޓަރުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އިސްވެ ހުންނަވައި، ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި އެބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ޕޮލިސީ ލެވަލްގެ ބައްދަލުވުންތައްރައީސުލް ޖުމްހޫރިއްޔާ ކޮންމެ ދުވަހަކު އޮންލައިން ކޮށް ބާއްވާނެ ކަމަށާއި، ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެއެވެ. ކޮންމެ ދުވަހަކު ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ބާއްވައިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހު ކޯވިޑް-19ގެ ހާލަތު ގޯސްވެ މާލެ ފުރަބަންދުކުރި ހިސާބުންނެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް