އްޖޭގައި ކޯވިޑް-19 ފެތުރުން އިންތިހާއަށް ހަލުވެ ޙާލަތު ނުރައްކާވުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފިއެވެ.
އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައި މަވަނީ މިހާރުވެސް ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައި ވަނިކޮށެވެ.
އެޗްއީއޯސީގެ އޮޕަރޭޝަންތައް ވަރުގަދަކޮށް ފުޅާކުރުމާއި ގުޅޭގޮތުން އެސެންޓަރުން ބުނީ ކޯވިޑް-19ގެ އާ ރާޅާއެކު އެސެންޓަރުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އިސްވެ ހުންނަވައި، ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި އެބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު އޮންލައިން ކޮށް ބާއްވާނެ ކަމަށާއި، ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ. ކޮންމެ ދުވަހަކު ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ބާއްވައިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހު ކޯވިޑް-19ގެ ހާލަތު ގޯސްވެ މާލެ ފުރަބަންދުކުރި ހިސާބުންނެވެ.
https://twitter.com/HPA_MV/status/1389876615442624515?
ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، ބުދަ ދުވަހު އެކަނި ވެސް 700ށް ވުރެ ގިނަ ކޯވިޑް-19 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައި ވެއެވެ.
އެޗްއީއޯސީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން 734 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެއިން 540 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ރިޕޯޓުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ޒޯންތަކުން އެއް ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
މިއާއެކު 7،109 އެކްޓިވްކޭސް މިހާރު ތިބި އިރު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 32،665ށް އަރާފައެވެ. އޭފެ ތެރެއިން 25،437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 198 މީހުން އެޑްމިޓްކޮށްފައިވާއިރު، 74 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ބުދަ ދުވަހު ފެނުނު ކޯވިޑް-19 ކޭސްތަކުގެ ޖުމްލަ އަކީ މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރި އަދަދެވެ. ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ވެސް ކޯވިޑް-19ގެ ކޭސްތަކުގެ އަދަދުތަކުގެ އައު ރިކޯޑުތައް ހަދަމުން އަންނައިރު ކޭސްތައް 400ން މައްޗަށް އަރަން ފަށާފައި ވަނީ މިދިޔަ ހަފްތާގައެވެ.
ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގައި އިންޑިއާގައި ފެތުރެމުންދާ ކޯވިޑް-19 ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭގެ ސަބަބުން ރާއްޖެ އަންނަ އެންމެން ވެސް ވަކި ފިޔަވަޅުތަކެއްގެ ތެރެއިން ރާއްޖެ އެތެރެވެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުގައ ވެސް ފިޔަވަޅުތައް ވަރުގަދަކޮށް، ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފައިވާއިރު، ރޭގަނޑު 12ން ފެށިގެން ވަނީ އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް