ފަހު ދިހައިގެ ވެސް ހުރިހާ ރެއެއްގައި އަޅުކަން ކުރަމާ!

ލައިލަތުލްޤަދްރި ހޯދުމަށް ފަހު ދިހައިގެ އެއްވެސް ރެއެއް ދޫނުކޮށް ހުރިހާ ރެއެއްގައި އަޅުކަން ކުރުމުގެ މުހިންމު ކަމަކީ ހަނދުބެލުމުގައި ކުށެއް ޖެހިފައި ވިޔަސް އެ ރޭ އޭނައާ ބައްދަލު ނުވެ ނުދާނެ ކަމެއް ކަމ...

05 May 2021 | 15:28

ލައިލަތުލްޤަދްރި ހޯދުމަށް ފަހު ދިހައިގެ އެއްވެސް ރެއެއް ދޫނުކޮށް ހުރިހާ ރެއެއްގައި އަޅުކަން ކުރުމުގެ މުހިންމު ކަމަކީ ހަނދުބެލުމުގައި ކުށެއް ޖެހިފައި ވިޔަސް އެ ރޭ އޭނައާ ބައްދަލު ނުވެ ނުދާނެ ކަމެއް ކަމަށް ޝެއިޚް ޝަފީޢު ވިދާޅުވެއެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަކީ  ފަހު 10 ގެ ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ރަސޫލާގެ ހަދީޘްފުޅުތަކުން އެނގެ އެވެ. ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަތަކާއި އެރޭ ހުރި ޘަވާބާއި ދަރުމައާ ބެހޭ އެތަށް ވާހަކައެއް ޤުރުއާނާއި ސުންނަތުން ޘާބިތުވެއެވެ.

" މި ރޭގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރައްވާ!. ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާ ކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، ޞަދަޤާތް ކުރުމުގައި ވަގުތު ހޭދަ ކުރައްވާ "ޝެއިޚްގެ ޓުވީޓެއްގައި ވެއެވެ.

ޝަފީޢު އިތުރަށް ވިދާޅުވީ، ޙައިޟުވެރިޔާ އަށް ވެސް ހެޔޮކަން ހޯދޭނެ ކަމަށެވެ. އެގޮތުން ޙައިޟުވެރިޔާ އަށް ނަމާދު ނުކުރެވުނު ކަމުގައިވިޔަސް، ޤުރުއާން ކިޔެވޭނެ އެވެ.  މުޞްޙަފުގައި ބީހިލުން މަނާވެގެން ވިޔަސް، ފޯނުން ކިޔެވޭނެއެވެ.

اللّٰهُمَّ إِنَّكَ عَفُوٌّا تُحِبُّ الْعَفْوَ فَاعْفُ عَنِّي މި ދުޢާ ފަހު ދިހައެއްގައި ގިނަގިނައިން ކިޔުއްވާށެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ޢާއިޝާގެފާނަށް ދަސްކޮށްދެއްވާފައިވާ ދުޢާއެކެވެ.

ދުޢާގެ މާނަ: ޔާ ﷲ! ހަމަކަށަވަރުން، އިބަ ﷲ އީ ޢަފޫ ކުރައްވާ އިލާހެވެ. ޢަފޫ ކުރައްވަން ލޯބިވެވޮޑިގަންނަވާ އިލާހެވެ. ފަހެ، މި އަޅާއަށް ޢަފޫ ކޮށްދެއްވައިދޭނއެވެ.

ކުރާނެ ކަމެއް ނެތޭ ހީވާ ކޮންމެ ފަހަރަކު ކީރިތި ޤުރުއާން ނަގައިގެން ޤުރުއާން ކިޔަވާށެވެ. ސްމާޓްފޯނު ޒަމާނުގައި މިއީ ވަރަށް ލުއިކަމެކެވެ. ކަމެއް ނެތޭ ހީކޮށް މީސްމީޑިއާގައި ވަގުތު ބޭކާރު ކުރުމަށްވުރެ އެތައް ހާސް ގުނައެއް ތިބާގެ ދުނިޔެއާއި އާޚިރަތަށް އެގޮތް ހެޔޮވެގެންވެއެވެ.

ލައިލަތުލް ގަދްރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރުމާއި ދުއާކުރުމަކީ ވަރަށް މާތް ކަމެކެވެ. އެ ރޭގެ ހެޔޮކަން ލިބިއްޖެ މީހާއަކީ ބާއްޖަވެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް