ހެލްތް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރަކާއި ނައިބަކު ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އާއިޝަތު ރަޝީދެވެ. ހެލްތް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރައްވާފައިވަނީ އަބްދުއް ޝުކޫރު އަބްދުލް ހަކީމެވެ.
ރައީސް އޮފީހުން ބުނީ އެ ދެ މާގަމަށް ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށު ކަމަސެވެ.
މީގެ ކުރިން އައިޝަތު ރަޝީދު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ޝުކޫރު ހުންނެވީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގައި އެވެ.
މި ދެ ބޭފުޅުން ހެލްތަށް ބަދަލު ކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ދަށުގައި އޮތް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެން) ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ގެނައުމަށްފަހު އެވެ.
ހެލްތުގެ ދެ ނައިބުންގެ މަގާމު ހުސްވީ، ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަންގެ ތުހުމަތު އޮތް ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު އިއްޔެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް