ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައިފި

މި ސަރުކާރުން ވުޖޫދުކުރި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވީ، އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެމ...

05 May 2021 | 08:13

މި ސަރުކާރުން ވުޖޫދުކުރި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވީ، އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެމިނިސްޓްރީގެ ވަޒީރަކަށް އައިޝަތު ޝައުނާ އައްޔަންކުރާށެއެވެ.

މި ދެ މިނިސްޓްރީ އެއްވުމުން، އުފުދޭ އާ މިނިސްޓްރީއާއެކު ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ވަކިން ދެ މިނިސްޓްރީގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަންނާނެއެވެ.

އިތުބާރު ނެތް ކަމަށް ބުނެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގައި ހުންނެވި މަލީހް ޖަމާލް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ފަހުން އެތަން ވަގުތީ ގޮތުން ހިންގެވީ އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ.ހުސެއިން ރަޝީދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައެވެ.

ޝައުނާ އާއި ހުސެއިން ރަޝީދަށް މިއަދު ވަނީ މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޝައުނާ މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށެވެ. އެއީ ސްޓޭޓް މިނިސްޓަރަކާއި އެއްފެންވަރުގެ މަގާމެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ ކެބިނެޓަށް މިއަދު ބަދަލުތައް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ ވައުދުތައް ފުއްދުމަށާއި ސަރުކާރުން ދެމުން އަންނަ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް އެމްޑީޕީގެ އަހުމަދު ހަމްދާން ވެސް މިއަދު ވަނީ އައްޔަން ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑްރަގް އެޖެންސީ މިއަދު ފެށިގެން ހިންގަމުން ގެންދާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް