ރޯދަ ވީއްލަން ރެސްޓޯރެންޓްތަކަށް ނުދިއުމަށް އިލްތިމާސްކޮށްފި

ހަލުއި ކަމާއެކު ނުރައްކާތެރި ކޯވިޑް-19 ރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި ރޯދަ ވީއްލަން ރެސްޓޯރެންޓްތަކަށް ނުދާން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝ...

05 May 2021 | 08:01

ހަލުއި ކަމާއެކު ނުރައްކާތެރި ކޯވިޑް-19 ރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި ރޯދަ ވީއްލަން ރެސްޓޯރެންޓްތަކަށް ނުދާން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ އިލްތިމާސްކޮށްފިއެވެ.

ޓީވީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޭގެ ވަގުތެއްގައި ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ބާރުއަޅަނީ ބޮޑެތި ރޯދަ ވީއްލުންތައް ނުބާއްވައި ގޭގައި ރޯދަ ވީއްލުންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ވެކްސިން ނުޖަހާ ކުޑަކުދިން ތިބިއިރު ތަންތަނަށް ގޮސްފައި އަންނައިރު ބަލި ގެންނަނީ ގެއަށް ކަމަށެވެ.

"މިހާރު ބަލާލާއިރު ކޮންމެ މީހެއް ވެސް ދަންނަ ދެ މީހެއް ވަރު ޕޮޒިޓިވް ވެގެން މި އުޅެނީ. އަޅުގަނޑުމެން ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި މިވަނީ. އެއްގޮތަކަށް ވެސް އަޅުގަނޑު އިލްތިމާސެއް ނުކުރާނަން ރެސްޓޯރެންޓްތަކަށް ގޮއްސަ ރޯދަ ވީއްލުމާއި ކަންކަން ކުރިއަށްގެންދަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ގޭގައި ރޯދަ ވީއްލުމަށް ދަތި ފަރާތްތައް ވެސް ހުންނާނެކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވަނީ އެފަދަ ފަރާތްތަކުން ވެސް ޓެކްއަވޭ ނުވަތަ ގައިޑްލައިންގައި ވާގޮތަށް އަމަލުތައް ބަހައްޓައިގެން ރޯދަ ވީއްލުމުގެ ކަންކަން ކުރުމަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން އިއްޔެ 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު އުޅެނީ 6000 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް