ސިއްހީ އެންގުންތަކަށް އަމަލު ނުކުރަން ބުނާ އިލްމުވެރިންނަށް މިނިސްޓަރުގެ އިންޒާރެއް

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރޭ ބާރުމިން ހަލުއި މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އުޅުމަށް ބާރު އަޅައި، ފިތުނަ އުފައްދާ އިލްމުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަ...

05 May 2021 | 07:44

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރޭ ބާރުމިން ހަލުއި މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އުޅުމަށް ބާރު އަޅައި، ފިތުނަ އުފައްދާ އިލްމުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިލްމުވެރިންނަށް އިންޒާރުދެއްވައިފިއެވެ.

ބެލެވޭ ގޮތުގައި، މިދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އުޅުމަށް ބާރު އަޅައި، ފިތުނަ އުފައްދާ އިލްމުވެރިންގެ ގޮތުގައި މިނިސްޓަރު އެ އިޝާރާތްކުރެއްވާ އެއްބޭފުޅަކީ މިނިސްޓްރީގެ ފަރާތުން ނަސޭހަތް ދިން މީހުންގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓަންޓު ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އެވެ.

ސަފު ހަދާއިރު ގައިދުރުކުރުން ބެހެއްޓުން ހަރާމް ކަމަށް ބުނެ ޑރ. އިޔާޒް ދަނީ އާންމުންނަށް ނަސޭހަތް ދެމުންނެވެ. އެގޮތަށް ވާހަކަ ދައްކާތީވެ އޭނާ ވަނީ މީގެ ކުރިން އެމްއެންޔޫ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ.

"ބިރަކާ ނުލައި މަޖާ ކުރަން ރަށް ރަށަށް ގޮސް، މުޑުދާރު ވައްތަރުތައް ޖައްސާފައި، ބަލި ބޮޑުވީމަ އަޅާ ބޭސް ގަނޑަކަށް މިސްކިތުގެ ސަފުތަކާ ކުޅެން ނުހައްދަވާ،" ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅާ ވާހަކަ ދައްކަން ފެށުމުން އިޔާޒު ޓުވިޓަރުގައި ލިޔެފައިވެ އެވެ.

މިނިސްޓަރު ޒާހިރު ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ދީނީ ކަންކަމުގައި ފިޔަވަޅު އަޅާފައި ވާނީ ޑޮކްޓަރުން އަދި ރާއްޖޭގެ އިލްމުވެރިންގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ އެއްވެސް އިލްމުވެރިއަކު ދިވެހިރާއްޖޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި އެގޮތަށް އުޅޭ ބައެއް މީހުން ހާޒިރުކޮށް އެމީހުންނަށް މިހާރު ވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ނަސޭހަތްދީފައި ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އިލްމުވެރިންނަށް ފިޔަވަޅު އަޅާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިސްކިތުގެ ސަފު ހަދާއިރު ގައިދުރުކުރުން ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިދިޔަ މާރިޗު މަހު ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް