އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސަރުކާރަށް ގޮވާލައިފިއެވެ.
ރޮޒެއިނާ މިކަމަށް ގޮވާލާފައިމިވަނީ އޭއޭއޭ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލް ހިންގާ އޭއޭއޭ އެތަން ދޫކޮށްލުމަށްފަހު ދާންޖެހޭ ކަމަށާއި އެމީހުންގެ އަމަލުތަކުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭއޭއޭ އާއެކު ހަދާފައިވާ އެއްބަސްވުން އެއްވެސް ހާލަތެއްގައި އިތުރުނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހުންގެ ސަބަބުން އެތައް ސަތޭކަ ދަރިވަރުން މިލިއަނުން ފައިސާ ހަރަދުކޮށް ކޯސް ކުރިއަށް ނުގެންދެވި ތިބި ކަމަށެވެ.
އޭއޭއޭ އާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާ ތާރީހަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް