ޗައިނާގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާން ކުރުން ޓައިވާނުގެ ސްޓާފިންގ ކުންފުނިތަކަށް އެ ޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.ޓައިވާނުގެ ސަރުކާރުން މިގޮތަށް ނިންމީ، ޓެކްނޮލޮޖީ ދާއިރާގެ މުހިންމު މަސައްކަތްތެރިން އެ ޤައުމުން ބޭރުވާ މައްސަލައަށް ޙައްލެއް ގެނެއުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުންނެވެ.
ޓައިވާނުގެ ލޭބަރ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ސަރުކާރުގެ މި ނިންމުމާއިއެކު، އެ ޤައުމުގައި ޙަރަކާތްތެރި ވަމުން އަންނަ އެހެން ކުންފުނިތަކަށް މަސައްކަތްތެރީން ހޯދައިދޭ ރެކްރޫޓިންގ އަދި ސްޓާފިންގ ކުންފުނިތަކަށް ޗައިނާގެ ވަޒީފާތަކަށް މުވައްޒަފުން ހޯދަން އިޢުލާން ނުކުރެވޭނެ ކަމަށެވެ.އަދި ޚާއްސަކޮށް ސެމީ ކޮންޑަކްޓަރ ޞިނާޢަތާއި ގުޅުން ހުރި މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރުން މި ޤަވައިދުގެ ދަށުން މަނާ ވާނެކަމަށެވެ.
ޓައިވާނުގެ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ، އެ ޤައުމުގެ ސެމީ ކޮންޑަކްޓަރ ޞިނާޢަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ގިނަ އަދަދެއްގެ އިންޖިނިއަރުން ޤައުމަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގައެވެ.ސެމީ ކޮންޑަކްޓަރު ޞިނާޢަތާއި ގުޅިގެން އެމެރިކާއާއި ޗާއިނާއާއި ދެމެދުގައި ހިނގަމުންދާ ކޯޅުންގަނޑުގައި، ޗައިނާއިން ޓައިވާނުގެ ޗިޕް އުފައްދާ ހުނަރުވެރިން "ޕޯޗުކޮށް"،އެ ޤައުމަށް ގެންދަމުން ދާތީވެ ޓައިވާނުގެ ސެމީ ކޮންޑަކްޓަރ ޞިނާޢަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައިވާ ކަމަށް ޓައިވާނުގެ ލޭބަރ މިނިސްޓްރީން ބުނެއެެވެ.މުވައްޒަފުން ނުވަތަ ހުނަރު ޕޯޗު ކުރުމަކީ، އޮޅުވާލައިގެން ނުވަތަ އުސޫލްތަކާއި މިންގަނޑު ތަކާއި ޚިލާފަށް ވާދަވެރި ކުންފުނިތަކުގެ ޤާބިލު މުވައްޒަފުން ގެނެއުމަށް ބައެއް ކުންފުނިތަކުން ގެންގުޅޭ އުކުޅެކެެވެ.
އެކި ވަޒީފާތަކަށް މީހުން ހޯދާ މަންސަތަކާއި ހުނަރު ހޯދާ ކުންފުނިތަކަށް ޗައިނާގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން އިއުލާން ކުރުން މަނާ ކޮށްފައިވާއިރު، މި އެންގުމާއި ޚިލާފުވާ ފަރާތްތައް ޓައިވާނުގެ ސަރުކާރުން ޖޫރިމަނާ ކުރާނެއެވެ.ޚާއްސަކޮށް ސެމީ ކޮންޑަކްޓަރ ޞިނާޢަތާއި ގުޅުން ހުރި މުވައްޒަފުން ހޯދަން މަސައްކަތް ކުރާނަމަ، އިތުރު ހަރުކަށި ފިޔަވަޅުތައްވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޓައިވާނުގެ ލޭބަރ މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ވެއެވެ.
ޓައިވާނުގައި ހުންނަ ވަޒީފާތައް ލިސްޓުކުރާ އެންމެ ބޮޑު މަންސަކަމަށްވާ 104 ޖޮބް ބޭންކްއިން ވަނީ ޗައިނާއާއި ގުޅުން ހުުރި އެންމެހައި ވަޒީފާގެ ފުރުޞަތުތައް އެ މަންސައިން ނެގުމަށް ކަސްޓަމަރުންނަށް އަންގާފައެވެ.އަދި އެ ކުންފުނިން ފޯނާއި އީމެއިލް މެދުވެރިކޮށް ވަކިވަކި ކަސްޓަމަރުންނަށް މިކަން އަންގަމުން ގެންދާ ކަމަށާއި، މިކަމާއި ގުޅިގެން، އެތައް ހާސް އިއުލާންތަކެއް މިހާރު ނަގާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ހުނަރުވެރި މަސައްކަތްތެރީން ހޯދާ ކުންފުނިތަކަށް މި ކަމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އެ ކުންފުނިން އަންދާޒާ ކުރެެއެވެ.އެއީ ސަރުކާރުން ޤަވައިދު ތަންފީޒު ކުރުމާއި ދޭތެރޭގައި ދީފައިވާ މުއްދަތު ކުރުވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ޗައިނާގެ އިތުރުން ބޭރުގެ އެހެން ކުންފުނިތަކަށާއި، ޓައިވާނުގެ އަމިއްލަ ވިޔަފާރިތަކަށްވެސް މި ޤަވައިދު ތަންފީޒު ކުރެވިގެންދާނެއެވެ.މިގޮތުން، ޓައިވާނުގައި އައިފޯނުގެ ބައިތައްް އެކުލަވައިލާ ދެ ކުންފުނި ކަމަށްވާ ފޮކްސްކޮންއާއި ޕެގަޓްރޮންގެ ގިނަ ބްރާންޗްތަކެއް ޗައިނާގައި ހުންނަކަން ފާހަގަ ކޮށްލެވެއެވެ. ޓައިވާންގެ އިންވެސްޓްމެންޓް ކޮމިޝަނުން ހުއްދަ ދޫކޮށްފައިވާ ގޮތަށް،މިކުންފުނިތަކުން ދެން ޖެހޭނީ މިހާރު ހުރި އިއުލާންތައް ނެގުމަށްފަހު، ޗައިނާގައި ހުންނަ ބްރާންޗްތައް މެދުވެރިކޮށް ޗައިނާގައި އައު ވަޒީފާގެ އިއުލާންތައް ޝާޢިއު ކުރާށެވެ.
ޓައިވާނުގެ ކުރިއަރާފައިވާ ސެމީ ކޮންޑަކްޓަރ ޞިނާޢަތަށް ޗައިނާއިން ނުފޫޒު ފޯރުވަމުން އަންނަތާ އެތަކެއް ދުވަހެއް ވެފައިވާއިރު،ޗައިނާއިންވަނީ އެ ދާއިރާގެ ގިނަ މުވައްޒަފުން އެ ޤައުމުގެ ވަޒީފާތަކަށް ގެންގޮސްފައެވެ. އެގޮތުން،ބައިނަލްއަޤްވާމީ ފެންވަރުގައި ޗިޕު އުފައްދާ ޓައިވާނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގެ ސަތޭކައަށްވުރެ ގިނަ މުވައްޒަފުން، ޗައިނާގެ ސަރުކާރުން ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޝުއާންޝިން އިންޓެގްރޭޓެޑް ސާރކިޓް މެނުފެކްޗަރިންއާއި ވުހާން ހޮންގޝިން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޯގެ މަސައްކަތަށް ގެންގޮސްފައިވެއެެވެ. ޗައިނާގެ ފޯނު އުފައްދާ ޝައޯމީ އަދި އޯޕޯ ކުންފުނިންވެސްވަނީ ޓައިވާނުގެ މީޑިއާ ޓެކް ކުންފުނިން ގިނަ މުވައްޒަފުން ތަކެއް ގެންގޮސްފައެވެ.މިއީ ދުނިޔޭގައިވެސް ދެވަނައަށް އެންމެ ކާމިޔާބު ކަމާއިއެކު ޗިޕް ތަރައްޤީ ކުރަމުން އަންނަ ކުންފުންޏެވެ.މީގެ އިތުރުން ޓައިވާނުގެ ފޮކްސްކޮންއާއި ވާދަކުރާ ޗައިނާގެ ލަކްސް ޝެއަރ އައިސީޓީ ކުންފުނިންވެސް ގިނަ ޢަދަދެއްގެ ޓައިވާނު މުވައްޒަފުން އެ ކުންފުންޏަށްވަނީ ގެންގޮސްފައެވެ.
ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ޤައުމުގެ ހިއްސާއެއް ނަމަވެސް، ޓެކްގެ ދާއިރާގައި ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ވާދަވެރި ކަމުގެ ސަބަބުން، ޓައިވާނާއި ޗައިނާގެ ގުޅުންވަނީ ހީނަރުވާން ފަށާފައެވެ.ޓެކްނޮލޮޖީގެ ޞިނާޢަތުގައި ޓައިވާނާއަކީ އެމެރިކާއާއި ޖެހިގެން ދުނިޔޭގައި ދެވަނައަށް އެންމެ ކުރިއަރާފައިވާ ޤައުމު ކަމަށްވާއިރު، މި ދެ ޤައުމު ގުޅިގެން ޗައިނާ ޓެކްނޮލޮޖީގެ ދާއިރާއިގައި ހޯދަމުން އަންނަ ކުރިއެރުމަށް ހުރަސްެ އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ހުނަރުވެރި މަސައްކަތްތެރިން ޗައިނާގެ ވަޒީފާތަކަށްދާ ދިއުމަށް ޓައިވާނުންވަނީ ހުރަސްއަޅަންފަށާފައެވެ.ވެއެތުވެ ދިޔަ މަހުގައިވެސް ޗައިނާގެ ކްރިޕްޓޯ ކަރަންސީ ކުންފުންޏެއް ކަމަށްވާ ބިޓްމެއިން ޓެކްނޮލޮޖީސްއިން ޤާނޫނާއި ޚިލާފަށް ޓައިވާނުގެ ސަތޭކަ އިންޖިނިއަރެއް އެ ކުންފުންޏަށް ގެންގޮސްފައިވާ ކަމަށް ޓައިވާނުގެ ބަންޑާރަ ނައިބުގެ އޮފީހުން ތުޙުމަތު ކޮށްފައިވެއެވެ.މިކަމާއި ގުޅިގެން ޓައިވާނުގެ ޕްރޮސެކިއުޓަރުން ނިއު ޓައިޕެއި ސިޓީއާއި ހިންޝޫގެ އިތުރުން ޓައިވާނުގެ 7 ސަރަޙައްދެއް ބަލައި ފާސްކޮށް، ވިއްސަކަށް މީހުންނާއި ސުވާލު ކޮށްފައިވެއެވެ.
ޓައިވާނުގެ ސަރުކާރުންވަނީ ޗައިނާއާއި ގުޅުން ހުރި ކަންކަމުގެ މަސްލަޙަތު ބަލާ ކައުންސިލް ކަމަށްވާ މެއިންލޭންޑްސް އެފެއަރސް ކައުންސިލާއި، މިނިސްޓްރީ އޮފް އޮކޮނޮމިކް އެފެއަރޒްއާއި ލޭބަރ މިނިސްޓްރީގެ އިތުރުން ޖަސްޓިސް މިނިސްޓަރީއަށް ޗައިނާއިން އެ ޤައުމުގެ ޓެކްްނޮލޮޖީ ދާއިރާގެ މުވައްޒަފުންނަށް އަމާޒު ކޮށް ކުރަމުން ގެންދާ ހުނަރު' ޕޯޗިންގއަށް' ނިމުމެއް ގެންނާނެ ގޮތްތައް ދެނެގަތުމަށް އަންގާފައެވެ.އަދި މިކަން ހުއްޓުމަކަށް ގެނެއުމަށް ވަރުގަދަ ޤައުމީ ފެންވަރުގެ މަސައްކަތްތަކެއްވެސް އެ ޤައުމުންވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް