ހޫނު މޫސުމާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ކަރަންޓު ބިލު ބޮޑުވުމަކީ ވަމުން އަންނަ ކަމެކެވެ. މިހެން ވުމަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އޭސީ ރެފްރިޖެރޭޓަރު ފަދަ ތަކެތި، އާންމު ފިނިހޫނުމިނުގައި އޮޕަރޭޓްކުރާ ވަރަށްވުރެ ބޮޑަށް އޮޕަރޭޓް ކުރަން ޖެހުމެވެ.
މިސާލަކަށް ހޫނު މޫސުމުގައި ނަމަ ގޭގައި ނުވަތަ ކޮޓަރީގައި ހަރުކޮށްފައި ހުންނަ އޭސީ، ބޭރާއި އެތެރޭގެ ހޫނުމިނަށް ރިއާޔަތްކޮށް ހަމަ ކުރީންވެސް ތިބާގެ ނުވަތަ ކޮޓަރީގެ ފިނި ހޫނުމިން ހުންނަ ވަރަށް ފިނިހޫނުމިން ބެހެއްޓުމަށް މަސައްކަތް ކުރާނެއެވެ. ރެފްރިޖެރޭޓަރު ފަދަ ތަކެތިވެސް ހަމަ މި މޭރުމުން މަސައްކަތް ކުރާނެއެވެ. ބަދިގޭގައި ބޭނުން ކުރެވޭ ކަރަންޓުގެ ގިނަ ތަކެއްޗަކީ ވޯލްޓޭޖް މަތީ ތަކެއްޗެވެ. ފެން ކައްކާ ޖަހުން ފެށިގެން މިކްސަރ އަދި އަވަންފަދަ ތަކެއްޗަކީ އާންމުގޮތެއްގައި ވޮލްޓޭޖް މަތި ތަކެއްޗެވެ. މީގެ އިތުރުން ރޯދަ މަހު ގޭގައި ހުންނަ ފްރިޖް އާންމުގޮތެއްގައި ހުންނާނީ ފުރިފައެވެ. ފްރިޖުގައި ހުންނަ ހުރިހާ ތަކެއްޗެއް ފިނިކުރުމަށް، ފިނިކޮށް ބެހެއްޓުމަށް އިތުރު ކަރަންޓު އަރަމުންދާނެއެވެ.
ކަރަންޓު ބިލުތައް ހޫނު މޫސުމުގައި ބޮޑުވާތީ އެކަމަށް ކަސްޓަމަރުން ހޭލުންތެރިކޮށް އިގްތިސާދުކޮށްދިނުމަށް ހަނދާންކޮށްދީ ކަންކުރަން އެންމެ ރަނގަޅު ގޮތް ގޮތް އަބަދުވެސް ސްޓެލްކޯއިން އަންނަނީ ބުނެދެމުންނެވެ. މިހާރު އެކަމަށް ހާއްސަ ކެމްޕޭނެއް އަންނަނީ ހިންގަމުންނެވެ. މި ކެމްޕޭނުގައި ސޯޝަލް މީޑިއާ އަދި ބިލް ބޯޑުތަކުގެ ބޭނުންކޮށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އާންމު ގޮތެއްގައި ރަމަޟާން މަހަކީ ގޭގޭގައި ކަރަންޓު ބޭނުން ކުރެވޭލެއް ގިނަ މަހަކަށް ވެއެވެ. އެއީ ކެއްކުމާއި ކަންކަމުގައި ގިނަ ވަގުތު ހޭދަކުރުމާއި ރޯދަ ވަރުބަލިކަމާއެކު ގޭގައި ގިނަ ވަގުތު ހޭދަކުރެވޭތީއެވެ. އަދި މީގެ އިތުރުންވެސް ރޯދަމަހު ޓީވީ ޕްރޮގްރާމްތައް ބެލުމުގައި އާއިލާ އެކުގައި ހޭދަކުރާ ވަގުތުތައް އިތުރުވުންވެސް ހިމެނެއެވެ. މިކަންކަމުގެ އިތުރުން މި ހިނގާ ރަމަޟާން މަހަކީވެސް ވަރަށް ހޫނު ގަދަ މަހެކެވެ. މެންދުރު ވަގުތެއްގައި މަގުތަކަށް ނިކުމެ ލޯ ހުޅުވާލަން އުނދަގޫވާވަރަށް ބައެއް ދުވަސް ދުވަހު ހޫނުމިން ހުރެއެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި މި ރަމަޟާންމަހު ކަރަންޓު އުފެދުނު މިންވަރު އެހެން މަސްމަހާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. ގާތްގަނޑަކަށް 25 ނުވަތަ 30 އިންސައްތަ އިތުރުވެފައިވާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
އެގޮތުން 1000 ރުފިޔާގެ ބިލެއް އަރާ ގެތަކުގެ ބިލު 1250 ނުވަތަ 1300 ރުފިޔާއަށް ނުވަތަ އެއަށްވުރެވެސް ބޮޑުވުމަކީ މި ހާލަތުގައި އެކަށީގެންވާކަމެއް ކަމުގައި ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް އިގްތިސާދުކޮށް، ހޫނު މޫސުންކަން ދަނެ ކަރަންޓު ބޭނުންކުރެވޭ މިންވަރު ދަށް ގޭބިސީތަކުގައި ބިލުގެ އަދަދު ދަށްވުން އެއީވެސް އެކަށީގެންވާކަމެއް ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
ރޯދަ މަހު ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރު ކަމަށް ބޮޑަށް ފާހަގަ ކުރެވެނީ މެންދުރު 12:00 އިން ފެށިގެން 17:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ކަރަންޓް އިގްތިސާދު ކުރަން ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކަރަންޓް ބިލު އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަ ކުރެވޭނަމަ އިޝޫކުރުމުގެ ކުރިން އޮން ސައިޓްގައި ރީޑިން ސައްހަތޯ ޗެކްކުރާ ކަމަށްް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން، ސްޓެލްކޯއިން ވަނީ ހޫނުގަދަ ދުވަސްވަރު ބިލްބޮޑުވާ މައްސަލައަކީ އާންމު މައްސަލައެއް ކަމަށް ބުނެފައެވެ. އެހެންކަމުން ބިލަށް އަރާވަރު ކުޑަކުރުމަށް ކަރަންޓްގެ ސާމާން ބޭނުން ނުކުރާ ވަގުތު ޕަވާ އޮފްކުރެއްވުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ބަދިގޭގެ ސާމާނާއި އޭސީ އަދި ރެފްރިޖިރޭޓަރ ފަދަ ތަކެތިން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް