ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ އާއިލާ އެންމެންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.
ކޯވިޑް-19ގެ ލޮކްޑައުނާ ގުޅިގެން ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮތުމުން ދީޕިކާ ހުރީ އާއިލާ ކައިރީ ބެންގަލޫރުގައި އެވެ. ދީޕިކާގެ މި ޒިޔާރަތުގައި ފިރިމީހާ ރަންވީރު ސިންގް ބައިވެރިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދިޕިކާގެ އިތުރުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ބައްޕަ ޕްރަކާޝް ޕަދުކޯން، މަންމަ އުއްޖަލާ ޕަދުކޯން އާއި ކޮއްކޮ އަނީޝާ ޕަދުކޯންއެވެ. އޭގެ ތެރެއިން ޕްރަކާޝްއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށް އާއިލާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވެ އެވެ.
އުއްޖަލާ އާއި އަނީޝާ ތިބީ ހޯމް ކަރަންޓީންގައި އެވެ. ދީޕިކާއަށް ކޯވިޑް ޖެހުނުކަން ހާމަކުރިކަން ފިޔަވާ އިތުރު މައުލޫމާތެއް އަދި ހާމަވެފައެއް ނުވެ އެވެ.
އަދި އާއިލާ އެކު ހުރި ދީޕިކާގެ ފިރިމީހާއަށް ކޯވިޑް ޖެހިފައި ނުވާ ކަމަށްވެ އެވެ.
ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަބީރް ހާންގެ ފިލްމު "83" އިންނެވެ. ފިރިމީހާ ރަންވީރާއި އެކު ފެނިގެންދާ އެ ފިލްމު ރިލީޒް ކުރަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެކަމަކު އިންޑިއާގެ ކޯވިޑްގެ ހާލަތަށް ބަލައި ފިލްމު ރިލީޒް ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް