މި ފަހަރު ކައުންސިލަރުން ހުވާކުރަނީ އޮންލައިންކޮށް

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުުރުގެ ރަސްމިއްޔާތު މިމަހުގެ 1...

05 May 2021 | 05:39

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުުރުގެ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިހާލަތުގައި ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަން ހަމަޖެއްސުމަށް މާދަމާ ސްޕްރީމް ކޯޓާއެކު ބައްދަލުުވުމެއް ބާއްވާނެއެވެ. އަދި އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މޮނިޓަރިންގައި އޮތް ރަށްރަށުގައިވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ދެމިތިބޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

މިއިންތިޚާބުގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 325 ގޮނޑިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް