މާފުށިން ކޯވިޑް ޖެހުނު ބައެއް މީހުން ރަނގަޅުވާން ފަށައިފި

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބައެއް މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހ...

05 May 2021 | 05:29

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބައެއް މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެގެ ފަހުން އެ ރަށުން ގިނަ ބަޔަކު ޕޮސިޓިވްވި އިރު މިހާރު ޕޮސިޓިވްވާ ރޭޓު ވަނީ ދަށްވާން ފަށާފަ އެވެ.

މާފުށީ ސިއްހީ މަރުކަޒުން ބުނީ އެ ރަށަށް މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 11 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިވަގުތު އެ ރަށުގައި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 338 އެވެ.

މި މުއްދަތުގައި އެ ރަށުން ޖުމްލަ 349 މީހަކު ކޯވިޑަށް ޕޮސިޓިވްވި އެވެ. އިއްޔެ ފަސް މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މިހާތަނަށް އެ ރަށުން 1332 ސާމްޕަލް ކޯވިޑަށް ޓެސްޓު ކޮށްފަ ވެއެވެ.

މާފުށިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަނީ އެ ރަށު ސިއްހީ މަރުކަޒުގަ އާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެގޮތުން މިވަގުތު ފެސިލިޓީތަކުގައި ހަތް މީހަކަށް ފަރުވާ ދެމުންދާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިން މީހަކު ވަނީ ބަލިން ރަނގަޅުވުމުން އަނބުރާ ރަށަށް ގެންގޮސްފަ އެވެ.

މާފުށީގައި ކޯވިޑް ކޭސްތަކާއި ގުޅިގެން 98 ތަނެއް ހުރީ ކަރަންޓީން ކޮށްފަ އެވެ.

މާފުއްޓާއި އެކު ކޯވިޑް ފެތުރޭތީ މިވަގުތު 27 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް