ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ސައު...

05 Apr 2025 | 13:28

އިސްރާއީލުން ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ސައުދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖް އަށް ނިސްބަތްވާ މެޑިކަލް ގުދަނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ.

ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދެމުން ދިޔަ ޣައްޒާގެ ދާރު އަލް އަރްޤާމް ސްކޫލަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންގެ އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވި ހާދިސާ ރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ އިންސާނީ ހައްޤުތަކާއި ގާނޫނާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފަށް ރަފާހްގެ މޮރާގް ސަރަހައްދުގައި ހުންނަ ސައުދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ހިންގާ މެޑިކަލް ގުދަނަކަށް އަމާޒުކޮށް، ދިން ހަމަލާގައި ޣައްޒާގައި ޒަހަމްވާ މީހުންނަށް އެހީތެރިވުމަށް ބޭނުންކުރާ މުހިއްމު މެޑިކަލް ސާމާނުތައް ހަލާކުކޮށްލައި އިސްރާއީލުން ދިން ވައިގެ ހަމަލާ ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނިންމުމެއް ނިންމުމުގެ ޝަރުއީ ހައްގުތަކާއި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަަމަށް ބުނާ ބުނުން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަލަސްތީނުގެ ސިވިލް ޑިފެންސުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދާރު އަލް އަރްޤަމް ސްކޫލަށް ދިން ހަމަލާގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ. އެ ހާދިސާގައި ހަ މީހަކު ގެއްލިގެން ހޯދަމުން އަންނައިރު އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ހަމައެހެންމެ ސައުދީގެ ހާރިޖީ ވުޒާރާއިން ބުނީ ރަފަހްގެ މޮރާގް ސަރަހައްދުގައި ހުންނަ ސައުދީ މެޑިކަލް ގުދަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ގުދަނުގައި ހުރި ޣައްޒާގައި ޒަހަމްވާ މީހުންގެ ބޭސްފަރުވާއަށް ބޭނުންކުރަމުން އައި ސާމާނުތައް ސުންނާފަތިކޮށްލާފައިވާ ކަމަށް ސައުދީގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް