އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލަތައް ވަރުގަދަކުރާތީ ސައޫދީ އަރަބިއްޔާއިން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލަތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރާތީ ސައޫދީ އަރަބިއްޔާއިން އެކަން ކުށްވެރިކޮށްފިއެވެ. ސައޫދީން މިކަން ކުށްވެރިކޮށސްފައިވަނީ ޣައްޒާގެ ބައެއް ސްކޫލުތަކަށް...

05 Apr 2025 | 07:16

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލަތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރާތީ ސައޫދީ އަރަބިއްޔާއިން އެކަން ކުށްވެރިކޮށްފިއެވެ.

ސައޫދީން މިކަން ކުށްވެރިކޮށސްފައިވަނީ ޣައްޒާގެ ބައެއް ސްކޫލުތަކަށް ހަމަލަދީ ބަޔަކު ސަހީދުކޮށްލާފައިވުމާއި ޣައްޒާގެ އިރުމަތީ ރަފަހް ސަރަހައްދުގައި ހުރި ސައުދީ ސެންޓަރ ފޮރ ކަލްޗަރ އެންޑް ހެރިޓޭޖްގައި ހުރި ގުދަނަކަށް ހަމަލަދީ އެތަން ބިމާ ހަމަކޮށްލުމުން ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ.

ސައޫދީން ބުނެފައިވާގޮތުގައި އެ ގުދަނަކީ ހަމަލަތަކުގައި ޒަޚަމްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ބޭސް ރައްކާކޮށްފައިހުރި ގުދަނެކެވެ.

އިސްރާއީލުން ބޭނުންހާ ގޮތަކަށް ހަނގުރާމައިގެ ޖަރީމާތައް ހިންގެނީ ބައިނަލްއަގުވާމީ ގޮތުން އެއްވެސް ޕްރެޝަރެއް ނެތުމުންނެވެ. އަދި އިސްރާއީލުން މިހާރު އަމަލުކުރަމުން އަންނަގޮތުން މެދުއިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވަމުން އަންނަކަންވެސް ސައޫދީ އަރަބިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ޣައްޒާ ހާލަތުގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލައިލާއިރު ހަމަލަ ބަދަލުކުރުން ހުއްޓާލަންވި އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން މާރިޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދޭން ފެށި ހަމަލަތަކުގައި އެކަނި މިހާތަނަށް 1،249 މީހަކު ވަނީ ސަހީދުކޮށްލާފައެވެ. އެ ތާރީޚުން ފެށިގެން ބަލާނަމަ ޒަޚަމްވި ޢަދަދު އުޅެނީ ތިން ހާހުން މަތީގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ބަލާނަމަ، ޣައްޒާއިން ސަހީދުވި މީހުންގެ ޢަދަދު އުޅެނީ 50 ހާހުން މަތީގައެވެ. ޒަޚަމްވި މީހުންގެ ޢަދަދު އުޅެނީ ލައްކައިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް