ޚުޠުބާގައި ގޮވައިލީ ރަމަޟާން މަހަށްފަހުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް

ބަރަކާތްތެރި ރަމަޟާން މަސް ނިމުމަކާ ގާތްވެފައިވާއިރު މި ރަމަޟާން މަހަށްފަހުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީފިއެވެ. އެގޮތުން ޚުޠުބާގައި ބުނެފައިވަނީ ރަމަ...

05 Apr 2024 | 08:18

ބަރަކާތްތެރި ރަމަޟާން މަސް ނިމުމަކާ ގާތްވެފައިވާއިރު މި ރަމަޟާން މަހަށްފަހުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީފިއެވެ.

އެގޮތުން ޚުޠުބާގައި ބުނެފައިވަނީ ރަމަޟާން މަސް އަހުރެމެންނާ އަލްވަދާޢު ކިޔަނީ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައި ވިޔަސް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ. އަދި ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން، އަޅުކަން ކުރުމަކީ، އަހަރެމެން ޚަލްޤުކުރެއްވުމުގެ މަޤްޞަދުކަންވެސް ހަނދުމަކޮށްދީފައިވެއެވެ.

"އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫން، އެހެނީ ރަމަޟާންމަހުގެ ވެރި الله އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި الله ، މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫން، މުޅި ޙަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭ، ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވޭ، ރަމަޟާން މަހަކީ އެފަދަ މޫސުމެއް، އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް" މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ  ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުމެވެ. ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މިދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައިކަން ހަނދުމަކޮށްދެމުން ޚުޠުބާގައި އިލްތިމާސްކޮށްފައިވަނީ ތިބާއީ ހެޔޮކަމަށް އެދޭމީހަކަށް ވުމަށެވެ. އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފުމަށެވެ. މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަތުމަށާއި ޝައްވާލުމަހުގެ ހަރޯދައަށް ރައްކާތެރިވެ، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުމަށެވެ.

"ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާ، އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެ، އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެ، އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެ، އެކަމަށް އަވަސްވެގަންނަމާ، އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ، އެދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައި" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުަގއި ނިމިގެންމިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ވިސްނާލުން މުހިންމެވެ. ޤަވާއިދުން ފަރުޟު ފަސްނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދަމަހައްޓުން މުހިންމެވެ. ކޮންމެ ދުވަހަކު ޤުރްއާނުން ޞަފްޙާއެއް ނަމަވެސް ކިޔެވޭތޯ ބެލުން މުހިންމެވެ. އަދި ހަމަ އެހެންމެ ހެޔޮޢަމަލުކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލުމަށާއި އެއީ ނަބަވީ މަންހަޖެއްކަން ހަނދުމަކޮށްދީފައިވެއެވެ.

"ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެ، އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ ޢަމަލުތައް ބާޠިލުވެދާނެ، އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ، ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެ" ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަތުމަށް ނަސޭހަތްތެރިވަމުން ޚުޠުބާގައި ބުނެފައިވަނީ އެހެނީ ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، الله ތައާލާ ފުރިހަމައަށް ދެއްވާނެކަމަށެވެ.

"ހެޔޮ ޢަމަލެއް ކުރުމަށް މީހަކު ނިޔަތްގަނެ، އެ ޢަމަލެއް ނުކުރެވުނަސް اللّٰهُ سُبُحَانَهُ وَتَعَالَىއީ، އެ ނިޔަތަށް ދަރުމަ ދެއްވާ ރަސްކަލާނގެ" ޚުޠުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ހަނދުމަކޮށްދީފައިވަނީ އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަން ހަނދާނަށް ގެންނަންވާނެކަމަށާއި އެއީ އެތަނުގެ މޭވާތަކާއި، ގަސްތަކުގެ ހިޔާ އަބަދަށް ދެމިހުންނަ ސުވަރުގެ ކަމާއި އެ ގަސްތަކުގެ މޭވާ ބިނުމަށް ފަސޭހަކުރައްވާފައި ވާކަމާއި، އެތާނގައި، ތަޣައްޔަރުކަމެއް ނުވާ ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ އާރުތަކާއި، ބޯމީހުންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުން ލިބޭނޭ ރާގެ އާރުތަކާއި، މީރު ބުއިންތަކާއި، ސާފު މާމުއިގެ އާރުތައް ވާކަމާއި އަދި ޚާލިޞް ރިހިން ތައްޔާރު ކުރެވިފައިވާ ކަންވާރުތަކާއިގެން، އެއުރެންނަށް ޚިދުމަތްކޮށްދޭން ތިބޭ ކުދިންތައް ވާކަމާއި އަދި ހަމަ އެހެންމެ ބޭކާރު ވާހަކައެއް އެތަނުގައި އެއުރެން ނާހާނޭ ކަމާއި އުފުލިގެންވާ ދާންތަކާއި، އެތުރިގެންވާ ބާލީސްތަކާއި، ފެތުރިފައިވާ ރީތި ދޫލަތައް ވެސް އެތަނުގައި ވާކަމެވެ

ސުވަރުގޭގައި އަށް ދޮރުކޮޅު ވާކަން ހަނދުމަކޮށްދެމުން ބުނެފައިވަނީ އޭގެ ތެރޭގައި އައްރައްޔާނޭ ކިޔުނު ދޮރުކޮޅެއް ވާއިރު އެ ދޮރުކޮޅުން ސުވަރުގެ ވަންނަހުށީ ހަމައެކަނި ރޯދަވެރީން ކަމަށެވެ. ސުވަރުގޭގެ ޙަޔާތަކީ އަބަދީ ޙަޔާތެއް ކަމަށާއި އެތާނގެ އަހުލުވެރީންގެ ޒުވާންކަމަށް ބަދަލު އައުމެއް ނެތް ކަމަށެވެ. އެހެންކަމުން، ސުވަރުގެއަކީ، އަހަރެމެންގެ މަންޒިލް ކަމުގައި ހެދުމަށާއި އެނޫން މީހުން ޤިޔާމަތްދުވަހުން އެއްލައިލެވޭނީ، ނަރަކައަށް ކަމާއި އެއީ، މިނިވަންކަމެއް ނެތި ކަސްތޮޅު އެޅިގެން ތިބެންޖެހޭ، އަނދައަނދާ ހުރި އަލިފާނުގެ ގޮވައްޗެއް ކަމާއި އަލިފާނުގެ ފާރުތަކުން އެއުރެން ވަށާލެވިގެންވާނެކަން ހަނދުމަކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް