އިގްތިސޯދީ ސިޔާސަތުތަކަށް ބަދަލުގެންނާނީ އަސަރު އެންމެ ކުޑަ ވާނެގޮތަށް: އަމީރު

ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދަނީ ރައްޔިތުންނަށް އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ވޯލްޑް ބޭންކުން އިއްޔެ ވަނީ ރާއްޖޭ...

05 Apr 2023 | 16:16

ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދަނީ ރައްޔިތުންނަށް އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުން އިއްޔެ ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދު ކަނބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައި އެވެ. އޭގައި ބުނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.6 ޕަސެންޓުގައި ކަމަށާއި އެއީ ކުރިން ލަފާކުރި ވަރަށް ވުރެ ދެ ޕަސެންޓު ދަށް އަދަދެެއް ކަމަށެވެ.

މި ބަޔާނާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރެކޯޑު މިންވަރަކަށް މިއަހަރު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭތީ އިގުތިސާދީ ކުރިއެރުން އަންދާޒާ ކުރެވިފައިވާ ވަރަށްވުރެ މަތިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި އެނޫން ފިސިކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސިކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެ ކަމަށެވެ. މި ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ކޯވިޑްގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް ކަމަށެވެ. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް