ބަންގްލަދޭޝްގެ ބަންގްބަންގް ބާޒާރުގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ދެ ހާހަށްވުރެ ގިނަ ފިހާރަ އަނދާ ހުލިވެއްޖެއެވެ.
ރާއްޖޭގަޑިން އިއްޔެ ފަތިހު 05:00 ހާއިރު ރޯވި އެ އަލިފާން ނިއްވުމަށް ހާހެއްހާ ގިނަ ފަޔަރމަނުންނާއި ވޮލަންޓިއަރުން ހުއްޓުމެއްނެތި ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލު ކުރެވިފައިވަނި އިއްޔެ އިރު އޮއްސުނު ފަހުންނެވެ. އަދިވެސް އެ ސަރަހައްދުން ދުން އަރަމުން އަންނައިރު އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ވިޔަފާރިވެރިންނާއި ވޮލަންޓިއަރުންނަށް މިހާރު ވަނި ދީފައެވެ.
އެ ސަރަހައްދުގައި ހިމެނޭ 2931 ފިހާރައެއް އަލިފާނުގެ މި ހާދިސާގައި އަނދާ އަޅިއަށް ވެފައިވާއިރު އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން މީހަކު މަރުވިކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އަލިފާން ނިއްވުމުގައި އުޅުނު ބައެއް ފަޔަރމަނުންނަށާއި އާންމުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
އީދު ގާތްވެފައިވާއިރު ބަންގްބާޒާރަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު، ފޮތީގެ މާރުކޭޓެވެ. އެ މާރުކޭޓަކީ 21250 އަކަފޫޓުގެ ބޮޑު ސަރަހައްދެކެވެ. ތިން ބުރިއަށް ފިހާރަބަރިތައް ހަދާފައިވާ ބަންގްބާޒާރުގައި ހިނގި މި އަލިފާނުގެ ހާދިސާ ފެތުރި އެ ބާޒާރުގެ ވަށައިގެންވާ ބާޒާރުތައް ކަމުގައިވާ ގުލިސްތާނު މާރުކޭޓާއި މޮހާނަގަރް މާރުކޭޓާއި އަދާރުޝާ މާރުކޭޓުގައިވެސް އަލިފާން ރޯވެ އަނދާފައިވެއެވެ.
އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައިނުވިނަމަވެސް އަލިފާން ރޯވާން މެދުވެރިވާނެ އެއް ސަބަބަކީ ފަރުވާކުޑަކޮށް އެ މާރުކޭޓުތަކުގައި އަޅާފައި ހުންނަ ކަރަންޓު ވަޔަރުތައް ކަމަށް އަންދާޒާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް