ކުރިއަތް އޮތް ރިޔާސީ އިންތިޚާބަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް ވިސާ ހަމަޖެއްސުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް އިމިގްރޭޝަނުން މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ފަރާތްތަކަށް ވިސާގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙްމަދު ޙުސައިނާއެކު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާކަމަށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވިސާ ލިބުމަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާއި ގުޅޭގޮތުން ކަމަށް ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭރުން އަންނަ މޮނިޓަރުނއނަށް އެޕްލިކޭޝަން ފޯމް ހުށަހެލުމަށް އީސީން މިހާރު ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 25 ވަނަ ދުވަހަށެވެ. އީސީން ވިދަޅުވީ މިހާތަނަށް އެއްވެސް އެޕްލިކޭޝަން ފޯމް ހުށަހަލަފައިނުވާ ކަމަށެވެ.
މި މަޝްވަރާގެ ސަބަބުން ފަސޭހައިން ވިސާގެ ކަންކަން ހަމަޖެހިގެންދާނެކަން އީސީން ފާހަގަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ދައުވަތު ދީގެން 30 އަށް ވުރެ ގިނަ ފަރާތުން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށެއެވެ.
ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ. އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓައިދިނުމަށް އެދި 50 ރިސޯޓުކުން ހުށަޙަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މި އަހަރު ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގަ އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރު ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް