ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް، މަތިވެރިކަމެއް ލިބިގެން ނުވޭ: އައްޝައިޚް ސިފާން

އިންސާނާ ދުނިޔެއަށް އައި ނަސްލެއްގެ ސަބަބުން އޭނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށް އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވެއްޖެއެވެ. އައްޝައިޚް ސިފާން މިހެން ވިދާޅުވީ އިޙްޔާ ފޯރަމ...

05 Apr 2023 | 05:01

އިންސާނާ ދުނިޔެއަށް އައި ނަސްލެއްގެ ސަބަބުން އޭނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށް އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވެއްޖެއެވެ.

އައްޝައިޚް ސިފާން މިހެން ވިދާޅުވީ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި 8 ވަނަ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

މި ފޯރަމްގައި އައްޝައިޚް ސިފާންގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ އައްޝައިޚް ޢާޒިމް ޚާލިދެވެ.

"އަލް ޙުޖުރާތް ސޫރަތުން ލިބޭ ފިލާވަޅުތައް" މި މައުޟޫޢަށް ދެ ބޭފުޅުންވެސް ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވައި ގިނަ މިސާލުތަކާއި، ހާދިސާތަކަށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވީ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާންކުރައްވާފައިވާ ކަމަށެވެ.

ޤުރުއާނުން އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭކަމަށް މާތް ﷲ ވަޙީކުރައްވާފައިވާކަމަށާއި އަލް ޙުޖްރާތް ސޫރަތުގައި ބަޔާންވެގެންވަނީ އަޅުގަނޑުމެންގެ މުޖުތަމައަށް ބޭނުންވާ އަޚްލާޤީ ސިފަތައްކަމަށެވެ. ޝައިޚް ވަނީ އެ ސޫރަތުގެ އާޔަތްތަކަށް ބައްލަވައި މިހާރު އަޅުގަނޑުމެންގެ މުޖުތަމައުގައި ދިމާވާ ކަންކަމަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް އަންގަވާފައިވީނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ އެއާ ޚިލާފަށް ޢަމަލުކުރާތަންކަމަށް ވިދާޅުވިއެވެ. ބަޔަކު މައްސަލައެއް ޖެހިގެން އުޅޭނަމަ އެ މައްސަލަ އިތުރަށް ގޯސްކުރުމުގެ ބަދަލުގައި އެކަމެއް ޙައްލުކޮށްދިނުމަށް މި ސޫރަތުގައި މާތްﷲ އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.

މާތް ﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފިނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެކަމަށާއި މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ އެންގެވި ގޮތަށް އުޅެންޖެހޭ ކަން ޝައިޚް ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާ ވަކި ނަސަބަކުން އައިނަމަވެސް ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށާއި މާތްﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހާކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢާޒިމް ޚާލިދް ވަނީ މި މުޖުތަމައުގައި ހިނގާ ކަންތައްތަކުން މިސާލު ނަންގަވައި ޙުޖުރާތު ސޫރަތުގައި އެކަންކަމާއި ގުޅޭ ގޮތުން ވަޙީކުރައްވާފައިވާ އާޔަތްތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން މީހަކު ޚަބަރަކާއިގެން އައިނަމަވެސް އެ ޚަބަރެއްގެ ތެދުދޮގު ނުބަލައި އެއީ ހަގީގަތެއްކަމަށް ބަލައިގެން ނުވާނެކަން އަންގަވާފައިވާ ވަހީބަސްފުޅަށް ބައްލަވާލެއްވިއެވެ. އަދި ކުށް ހީތަކާއި، ދެބައޮޑުވުމާއި ދޭތެރޭ ޖެއްސުންފަދަ ކަންކަމުން މުސްލިމުން ދުރުހެލިވާންޖެހޭކަން ބަޔާންކުރައްވައި އެގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް