ރާއްޖޭގައި އޮތީ އަމިއްލަވަންތަ ދައުލަތެއް ކަމާމެދު ސުވާލުއުފެދޭ: ނާޒިމް

ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ސުވާލު އުފެދޭ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އެމްއެންޕީ އިން ބާއްވާ "ނުއިވޭ އަޑުތައް" ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ...

05 Apr 2023 | 04:48

ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ސުވާލު އުފެދޭ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން ބާއްވާ "ނުއިވޭ އަޑުތައް" ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަދައްކަވަމުން ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދައުލަތް ހިންގުމުގެ ސިޔާސަތުތައް މިއަދު ތަރުތީބުވެފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގައުމު ހިންގުމުގެ ހާލަތު މި ވަގުތު މި އޮތީ ރަނގަޅުގޮތަކަށް ނޫން ކަމުގައެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާ، ދިފާއީ އަދި އިޤްތިޞާދީ ސިޔާސަތުގައި ހުރި ބޮޑެތި މައްސަލަތަކާމެދު ފާޑުވިދާޅުވެ ވާހަކަދެއްކެވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ފެންނަނީ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަނެވެ. އަދިި އެއް ޤައުމެއްގެ ގޮނޑިކޮއްކޮއަކަށްވެ، ޚާރިޖީ ސިޔާސަތުތައް ދީލާލާފައިވަނީ އެއް ޤައުމެއް އެދޭ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް ހުންނެވީ އެހެން ޤައުމަކަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ މިފަދަ ވާހަކައެއް ވިދާޅުވެފައިވާ ބޭފުޅަކު އެ މަޤާމުގައި ހުންނަވައިގެން ޚާރިޖީ ގޮތުން ރާއްޖޭގެ ސަލާމަތް ކަށަވަރުކުރެއްވޭނެކަމަށް ނުދެކޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރިއާ އިޤްތިޞާދުވެސް މިއަދު ވަނީ ހަމަ އެގޮތަށް އެއް ޤައުމެއްގެ އަތްދަށަށް ގޮސްފައިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، އަސާސީ ކާޑުގެ ތަކެތި ލިބެނީ ހަމައެކަނި އެއްމެ ޤައުމަކުން ކަމަށް ހަމަޖެހިފައި އޮތުމަކީ ނުރަނގަޅު ކަމެއް ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މިފަދަ ހުރިހާ ސިޔާސަތެއްގައި މިއަދު މި އޮތް ސަރުކާރުގެ ބާރެއް ނެތްކަން ނާޒިމް ސިފަކުރެއްވިއެވެ. އަދި އެ ސިޔާސަތުތައް ބައްޓަންވެގެން އަންނަނީ އެހެން ޤައުމަކުން އެދޭ ގޮތަށް ކަމަށް ވާތީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ބިރުވެރިކަމަށް ހުށަހެޅިފައިވާކަން ނާޒިމްގެ ވާހަކައިން ސާފުކޮށްދެއްވިއެވެ.

ރާއްޖެ ދަށުލަމުންދާ ޤައުމަކީ އިންޑިޔާ ކަމުގައި ނާޒިމް ވިދާޅުނުވި ނަމަވެސް، ނާޒިމް އިޝާރާތް ކުރައްވަމުން ގެންދެވީ އިންޑިޔާއަށް ކަން ސާފުވެއެވެ.

ނާޒިމް ވިދާޅުވީ އދ.ގައި ދިވެހިރާއްޖެއިން ބައިވެރިވީ އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި، އެފަދަ ދައުލަތެއް ދުނިޔެއަށް ތަމްސީލުކުރުމަށް ނަމަވެސް، މިއަދު އެ މަންޒަރު ބަދަލުވެ، ދައުލަތުގެ ޚާރިޖީ ސިޔާސަތު ދޯދިޔާވެ ވަކި ޤައުމެއްގެ ބަހަށް ދޫވެގޮސް، ރާއްޖެއަކީ މިހާރު އަމިއްލަވަންތަ ދައުލަތެއްތޯ ސުވާލުކުރާ ހިސާބަށް ހިނގައްޖެއެވެ.

އެމް.އެން.ޕީ އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކޮށްފައެވެ.  ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވަނީ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމަމަގަށް އަޅުވައި ސަރުކާރު ހިންގުމުގެ ކަންތައްތައް ހަމައަކަށް އަޅުއްވާނެކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް