"ވިހޭގޮތަށް ދަނޑުތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ" ޓީވީން ކި ޚަބަރު ސުރުޚީ އަޑު އިވިފައި ނިރާޝާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެއާއި އެކު އޭނާގެ ދެލޮލުން ކަރުނަ ފޫދި ގަތެވެ. ރޮވޭގޮތް ވިއެވެ. ހިތަށް ކުރި އަސަރުންނެވެ. ލިބުނު ހިތްދަތި ކަމުންނެވެ.
އެކުއްޖާ ފެނުނު އިރު އޮތީ ދިރިދިރިކަމަށާއި މިހާރު އެކުއްޖާ އޮތީ އައިޖީއެމް ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫގައި ކަމުގައި ޚަބަރުގެ ތަފްސީލްތަކުގައި ކިޔުމުން ނިރާޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ހިތާހިތުން ދުޢާކުރިއެވެ. އެކުއްޖާ ގަދަވެ ހެޔޮހާލުގައި ލެއްވުމަށް އެދިގެންނެވެ.
ނިރާޝާ އޮތީ ބަނޑުގައި ރިއްސާވަރުން އޮށޯވެގެންނެވެ. ރޭވެސް ރަނގަޅަށް ނުނިދި އުޅެން ޖެހުމާއި އެކު އޭނާގެ އެސްފިޔަތައް ވަނީ ބަރުވެފައެވެ. ނިދި ހުރިވަރުން ބައެއް ފަހަރު އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަށްވެސް ނޭނގެއެވެ. އެކަމަކު އޭނާ ގަދަކަމުންވެސް ދެލޯ ހުޅުވައިގެން އޮތީ އެކުޑަކުއްޖާ އާއި ބެހޭ ގޮތުން ޓީވީން އެއްވެސް ތަފްސީލެއް ލިބޭތޯއެވެ.
ނިރާޝާގެ މަންމަ ހަފީޒާ އައިސް ކޮޓަރިއަށް އައިސްވަނެވެ. އޭނާ ހުރީ ނުތަނަވަސް ވެފައެވެ.
"ދެންމެ ޓީވީން ކީ ޚަބަރު އަޑު އެހިންތަ" ހަފީޒާ ސުވާލުކުރިއެވެ. ޖަވާބު ދިނުމުގެ ގޮތުން ނިރާޝާ ބޯޖަހާލީއެވެ. ހަފީޒާ އިނީ ނުރުހިފައެވެ. ހިތްހަމަ ނުޖެހިފައެވެ. އޭނާ ރުޅިއައީ ގޭގައި ގެންގުޅޭ ރާއްޖެތެރޭ ކުއްޖާދެކެ އެވެ. ނާއިޒް ދެކެއެވެ. ބުނާ ގޮތް ނުހަދާ ކުއްޖަކަށް ވާތީއެވެ.
ނާއިޒްވެސް އިނީ ސިޓީންގ ރޫމުގައި ޓީވީ ބަލާށެވެ. ޚަބަރުގައި ކުޑަކުއްޖަކު ފެނުނު ވާހަކަ ކިޔުމުން އޭނާވެސް ދިޔައީ ތުރު ތުރުއަޅައިގެންނެވެ. ގައިން ހީބިހި ނަގައިގެންނެވެ. އެކަމަކު އެކުއްޖާ ދިރިއޮތްކަން އެނގުމާއި އެކު ނާއިޒް ހަމްދު އެޅިއެވެ. ﷲ އަށް ޝުކުރު ކުރިއެވެ. އޭރު ނާއިޒްގެ ލޮލުންވެސް ވަނީ ކަރުނަތައް ފޭދިފައެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ ހިތާމަޔާއި ހިތްދަތިކަމުގެ ކުލަވަރެވެ.
ކުރިއަށް އޮތް ރޭ ފަތިހު ރަށަށްދާ ބޯޓަކުން އަވަހަށް ރަށަށް ދިޔުމަށް ނާއިޒް އައީ ތައްޔާރު ވަމުންނެވެ. ނިރާޝާގެ މަންމަ ހަފީޒާވެސް ބޭނުންވަނީ އެގޮތެވެ. ނާއިޒް އެގޭގައި ބަހައްޓާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެއީ ނާއިޒްގެ ސަބަބުން އެމީހުންނަށް ގެއްލުމެއް ލިބިދާނެ ކަމުގައި ހީވާތީއެވެ. ބުނާ ގޮތަށް ކަންތައް ނުކޮށް އަމިއްލަ އަމިއްލައަށް ފެންނަ ގޮތަކަށް ކަންތައްކުރާ މީހަކު ގެންގުޅެއް ބޭނުން ނުވާތީއެވެ.
ނާއިޒް ރަށަށް ދިޔުމަށްޓަކައި ތައްޔާރުވެގެން ބޯޓަށް އައިސްފިއެވެ. އޭރު ގަޑިން އަދި އިރާކޮޅު އަށެއްޖެހީއެވެ. ބޯޓު ފުރާގޮތަށް ހަމަޖެހިފައި އޮތީ ފަތިހު ނަމަވެސް އެހާ އަވަހަށް ނާއިޒް ބޯޓަށް އައީ ގޭތެރޭގައި ހުންނަން ހިތްހަމަ ނުޖެހޭތީއެވެ. އޭނާ އާއި ދިމާއަށް ހަފީޒާ ގޮވާއެއްޗިއްސާއި މަޖުބޫރުން ކުރުވާ ކަންތައް ތަކުގެ ސަބަބުން އޭނާ ހިތްހަމަ ނުޖެހުނީއެވެ.
ކިޔެވުން ދޫކޮށްލާފައި ރަށަށް ދާންޖެހޭތީ އޭނާ ހުރީ ދެރަވެފައެވެ. އެކަމަކު އެނޫންގޮތެއް އޭނާއަށް ނެތީއެވެ. މާލޭގައި އޭނާ ހުންނަ ކޮންމެ ސިކުންތަކީވެސް އޭނާ ނުރައްކަލަށް ހުށައެޅިފައިވާ ސިކުންތެކެވެ. ނާއިޒްގެ އަމިއްލަ ނަފުސުވެސް ނާއިޒް ޖަލަށްލާފާނޭ ގޮވާހެން އޭނާއަށް ހީވާ ކަހަލަ އެވެ.
ނާއިޒް އޮތީ ބޯޓުގެ ޑެގްމަތީގައި ބާލީހެއް ބާއްވައި އޮށޯވެލައިގެންނެވެ. ފަތިހު ބޯޓު ފުރަން ހަމަޖެހިފައި އޮތުމާއި އެކުވެސް ބޯޓުގެ ދޮށުގައި މާގިނަ މީހުންނެއް ނެތެވެ. މުދާ އަރުވައި ބަރާކޮށްފައި އޮތް ބޯޓުގައި ކައްޕި ޔޫނުސް އާއި ގެންގުޅޭ ދެބިދޭސީންނާއި ދިވެހި ދެފަޅުވެރިން ފިޔަވައި އެހެން މީހަކު ނެތެވެ. އެހެން ނަމަވެސް އިރު އިރުކޮޅާ ކޮންމެވެސް ބަޔަކު ކޮންމެވެސް އެއްޗެއް ބޯޓަށް ލައެވެ.
ނާއިޒް ދެލޯމަރާލައިގެން އޮއްވާ މީހަކު ގައިގާ ކޮއްޓާލުމުން އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ތިބި މީހުން ފެނިފައި ބިރުންގޮސް ނާއިޒަށް ހާޖަތަށް ނުދެވުނީ ކިރިޔާއެވެ. އެހެނީ މީގެ ކުރިން ދުވަހަކުވެސް ފުލުހުންގެ އިދާރާއަކަށް އޭނާ ނުގެންދެއެވެ. ހައްޔަރެއް ނުކުރެއެވެ.
އެމީހުން ނާއިޒަށް ގަނޑެއް ދައްކާލިއެވެ. އެއީ ނާއިޒް ހައްޔަރުކުރުމަށް ކޯޓުން ދީފައިވާ އަމުރެވެ. ނާއިޒަށް ބޮލުގައި އަތް އެޅުނެވެ. ރޮއެ ގަނެވުނެވެ. ކުރިންވެސް މިކަމަށް އޭނާ ބިރުގަތެވެ. މިހެން ވެދާނެކަން ޔަޤީން ކުރިއެވެ. އެކަމަކު ހަފީޒާގެ ބާރުއެޅުންތަކާއި އެކު އެ ކުށް ކުރުމަށް އޭނާއަށް މަޖުބޫރު ވީއެވެ.
ފުލުހުން ނާއިޒް ހައްޔަރުކޮށް ބިޑިއަޅުވައިގެން ގެންދަން ފެށުމުން ޔޫނުސަށްވެސް ލިބުނީ ހައިރާން ކަމެވެ. އެހެނީ ނާއިޒަކީ ނުލާހިކު ރަނގަޅު އާއިލާއެއްގެ ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ ދީންވެރި ރަނގަޅު ބައެކެވެ. ނާއިޒް އަކީވެސް އެހާ ރަނގަޅު ކުއްޖެކެވެ. ފަސްވަގުތު ނަމާދު ކުރާނެއެވެ. ކިޔަވަން މޮޅުވާނެއެވެ. ރަށު މަދަރުސާއިން ހަތެއް ނިމުމުން މާލެއަށް ރައްޓެއްސެއްގެ ގާތަށް ކިޔަވަން ފޮނުވީވެސް އޭނާއާއި މެދު އޭނާގެ މައިންބަފައިން ކުރާ އުންމީދު ތަކުގެ ބޮޑުކަމުންނެވެ. އެހެންކަމުން ނާއިޒް ހައްޔަރުކޮށްގެން ލޮލުގެ ކުރިމަތީގައި ގެންދިޔަ ނަމަވެސް އެކަން ޤަބޫލުކުރަން ދަތި މީހުންގެ ތެރޭގައި ޔޫނުސްވެސް ހިމެނެއެވެ.
ބިޑިއަޅުވައިގެން ނާއިޒް ބޯޓުން ބާލައި ޖިޕަށްލީ އިރު ބަނދަރުމަތީގައި މީހުންތައް ޖަމާވެފައި އޮތެވެ. ނާއިޒް ހައްޔަރު ކުރީ ކޮންސަބަބެއްގައި ކަން އެމީހުންނަށް ނޭނގުނަސް ޓީން އޭޖުގެ ކުއްޖަކު، ބިޑިއަޅުވައިގެން ޚާއްސަކޮށް ބޯޓުން ބާލަން ފެށުމުން މީހުން ހީކުރީ އެއީ ވައްކަން ކޮށްގެން ހައްޔަރު ކުރި ކުއްޖެއް ކަމަށެވެ. އެހެންކަމުން އެއްވެފައި ތިބި މީހުންގަނޑު ހޯބޯ ލަވަމަންދާއިރު އެއްބަޔަކު އޭނާއާއި ދިމާއަށް ވަގެކޭވެސް ގޮވައެވެ. އޭރު ނާއިޒް ދިޔައީ ރޮމުން ގިސްލަމުންނެވެ. ބިންފަޅާފައި އަޑިޔަށް ދާނެ ނަމައޭ، ނުވަތަ ނަގޫ ރޯޅިއެއްގައި ނަމަވެސް އުޑަށް އުފުލިގެންދާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.
ފުލުހުން ގެނެސް އޭނާ ވެއްދީ މާލޭ ޖަލަށެވެ. ވީގޮތެއް ނާއިޒް ގާތަކު ނުބުނެއެވެ. ނާއިޒްވެސް ބަލާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ކުރެވުނު ކުށް އޭނާއަށްވެސް އެނގެއެވެ. އެކަމަކު ﷲ ތަބާރަކަ ވަތަޢާލާ ފިޔަވައި އޭނާގެ މަޖުބޫރު ހާލު ދެކޭނެ ފަރާތެއް ނެތެވެ.
ތަހުޤީޤަށް ނާއިޒް އާއި ސުވާލު ކުރީއެރޭގައެވެ. ދަނޑުތެރޭގައި އެއްލާލާފައިއޮތް ކުއްޖާ އެތާނގައި ބޭއްވީ ނާއިޒްތޯ އޮފިސަރު އެތައް ފަހަރަކު ސުވާލު ކުރުމުންވެސް ނާއިޒް ޖަވާބެއް ނުދިނެވެ. އޭނާ ހިމޭނުން ހުރީ އެވެ. ނާއިޒް އަނގައިން ނުބުނެ ހިމޭނުން ހުންނަން ފެށުމުން އޮފިސަރު ފާރުގައި ހުރި ބޮޑުއިސްކިރީނުގައި އެޅުވީ ވީޑިއޯއެކެވެ. އިސްޖަހައިގެން ހުރި ނާއިޒްގެ މޫނު ގަދަކަމުން އުފުލާލާފައި އެވީޑިއޯ ދެއްކުމުން ނާއިޒްއަށްވެސް އެވީޑިއޯއިން ލޯ ނައްޓައެއް ނުލެވުނެވެ. ހައިރާންވެފައި އޭނާ ހުރީއެވެ.
އެއީ ނާއިޒް އެރޭ ސައިކަލުގައި ކުރި ދަތުރެވެ. ހީވަނީ މީހަކު ކުޅެފައިވާ ފިލްމެއް ހެންނެވެ. ނާއިޒް ގެއިން ނުކުތީއްސުރެ އެކި މަގުތަކުން ދުއްވަމުން އައިސް މާޒިޔާ ދަނޑަށް ވަދެ، އެކުއްޖާ އެތާހުރި ގަހެއްގެ ބުޑުގައި ބޭއްވި ހިސާބަށް އެވީޑިއޯގައި ފެނެއެވެ. އެހިސާބުން އޮފިސަރު އެވީޑިއޯ ޕޯޒްކޮށްލާފައި ބަލާލީ ރޮއިރޮއި ހުރި ނާއިޒަށެވެ.
"ތިޔައީ މިގޮތަށް ކުއްޖަކު މަރާލާވަރަށްވުރެ މާރަނގަޅު ކުއްޖެއްކަން އަހަރެމެންނަށް އެނގިއްޖެ. އެކުއްޖާ އެތާނގައި ބާއްވާފައި ދެރަކުއަތް ނަމާދެއް ކުރީ ކޮންކަމަކާ" އޮފިސަރު ސުވާލުކުރިއެވެ. ނާއިޒްގެ ބާރަށް ރޯންފެށީ އެވަގުތުއެވެ. އެތައް އިރަކު އޭނާރުޔެވެ. އެއަށްފަހު ކިޔައިދޭން ފެށިއެވެ.
އެކުއްޖާ އެތާނގައި ބޭއްވީ އޭނާކަމެވެ. އަދި އެތާނގައި ދެރަކުއަތް ނަމާދެއް ކުރީ އެކުއްޖާ ގަދަވެ ހެޔޮހާލުގައި ވަނިކޮށް އެހެން މީހަކަށް ދެއްކެވުން އެދިގެން ކަމެވެ. އެއަށްފަހުވެސް ފަތިސްވާންދެން ދުރަށް ނުގޮސް އެހިސާބުގައި އުޅުނީ ބުޅަލެއް ނުވަތަ އެނޫންވެސް ދިރޭއެއްޗަކުން އެކުއްޖާއަށް ގެއްލުމެއް ލިބިދާނެތީ ގަންނަމުން ދިޔަ ބިރުގެ ސަބަބުން ކަމުގައެވެ. އަދި އޭނާ އެތަނުން ދުރަށް ދިޔައީ ދުވަން އެދަނޑުތެރެއަށް ވަތް އަންހެނަކަށް އެކުއްޖާ ފެނުމުން ކަމުގައެވެ.
ނާއިޒްގެ ވާހަކަތައް އަޑު އަހާފައި އޮފިސަރު ބޯހޫރުވާލީއެވެ. ނާއިޒް ހެދީ ދޮގޭ ބުނާކަށް ނޫނެވެ. އެހެނީ ސީސީޓީވީ ފުޓޭޖްތަކަށް އެހުރިހާ މަންޒަރެއް އެގޮތަށް ރެކޯޑް ކުރެވިފައި ހުއްޓެވެ.
ކުއްޖާގެ މަންމަ އަކީ އޭނާ ކިޔަވަން ހުރިގޭގެ ވެރިމީހާގެ ދަރިއެއް ކަމަށާއި، އެމީހުން އޭނާއަށް އެންގީ އެކުއްޖާ މަރާލައި ދަޅަކަށްލައި މޫދަށް ނުވަތަ އެނޫންވެސް ތަނަކަށް އެއްލާލުމަށް ކަމުގައި ނާއިޒް ބުންޏެވެ. އަދި އެރަހުމުކުޑަ އަމަލު އޭނާ ހިންގަން ބޭނުން ނުވީ ކަމަށާއި، އެކުއްޖާ އެމީހުން ބޭނުން ނުވިޔަސް އެހެން މީހަކަށް ދޭން އޭނާ ބޭނުންވީ ކަމުގައެވެ.
އަދި އެމީހުން ބުނާގޮތް ނުހެދިނަމަ، ވައްކަމުގެ ތުހުމަތު އަޅުވައި ފުލުހުންނާއި ހަވާލު ކުރާނެ ކަމުގައި ބުނެ ގޭވެރި މީހާ ހަފީޒާ ނާއިޒްއަށް ބިރުދެއްކި ކަމުގައިވެސް ބުންޏެވެ. އަދި ނިރާޝާ ވިހެއުމާއި އެކު، އެދަރިފުޅު މަރާލައި އެއްލާލުމަށް އޭނާއަށް އެންގުމުން އެކަން ރިޕޯޓް ކުރަން ފުލުހުންގެ އިދާރާއަށްވެސް އެރޭ ދިޔަ ކަމަށާއި، އެކަމަކު އެތަނުގެ ދޮރުމަތިން ނިރާޝާ ވިހޭ ކުއްޖާގެ ބައްޕަ ފެނުމުން ބިރުން އައީ ކަމުގައިވެސް ބުންޏެވެ. އަދި އެކުއްޖާގެ ބައްޕައަކީ އިސްއޮފިސަރެއް ކަމުގައިވެސް ބުންޏެވެ.
މައްސަލައިގެ ތަހުޤީޤުގައި އެހުރިހާ ވާހަކަތަކެއް ނާއިޒް ކިޔައިދިންތަނާ، އެތަނަށް އައިސް ވަނީ، ނާއިޒް ބުނި އޮފިސަރެވެ. އޭނާގެ މޫނުގައި ހުރީ ނަފުރަތާއި ރުޅިވެރިކަމެވެ. އެހިސާބުން މައްސަލައިގެ އަސްލު ގެއްލުނީއެވެ. އަނެއްފުށަށް ޖެހުނީއެވެ. ތަހުޤީޤުގައި އެކުއްޖާގެ ބައްޕައަކީ ނާއިޒް ކަމުގައި ވީއެވެ. އަދި އެކުއްޖާގެ މަންމަ އަކީ، މިވުޖޫދުގައިވެސް ނެތް ދިހަ ބާރަ އަހަރުގެ އަންހެންކުއްޖެއް ކަމުގައި ހެދީއެވެ.
މީޑިއާގެ ސުވާލުތަކަށް ޖަވާބު ލިބުނީ އެގޮތަށެވެ. ކުއްޖާގެ މަންމައަކީ ކުޑަކުއްޖަކަށްވާތީ، އެއީ ކާކުކަން ހާމަ ކުރަން ނުޖެހުނީއެވެ. އެހެން ކަމުން އަނިޔާވެރީންގެ އަތްދަށުގައި އެމީހުން ރޭވި މަޅީގައިޖެހި ނާއިޒް ޖަލުގައި ހައްޔަރުވީއެވެ. އެއީ އަނިޔާވެރި ކަމުގެ އިންތިހާއެވެ. ބާރު ހުރި މީހުން ގާނޫނުތަކުގެ މަޅިތަކުގެ ތެރޭން ބޯދަމައި ގަންނަނީއެވެ. ބާރެއް ނެތް ދެރަ ނިކަމެތި މީހާގެ ކަރަށް މަޅިފައްތައި ބައްދާލަނީއެވެ. އެދުވަހަށް ފަހު ނާއިޒަށް ދުވަސްތައް ގުނަން ޖެހުނީ ޖަލުގައެވެ. އިންތިހާ ދަރަޖައިގެ ވޭނާއި ހިތާމައާއި ހިތްދަތި ކަމާއިއެކު ގައެވެ.
-ނިމުނީ--
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް