ކ. އަމީންގިރި ރިސޯޓުން މިދިޔަ އާދީއްތަ ދުވަހު ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިއަށް ގެންގޮސްފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެހެން ނަމަވެސް އެ ފަތުރުވެރިޔާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕްރޭޝަނާއި ގުޅޭގޮތުން މިރޭ އެމްއެންޑީއެފުން ބުނެފައިވަނީ ކ.އަމީންގިރި ރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިންގ އަށް ދިޔަކަމަށްބެލެވޭ އެ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިއަދުވެސް ބޮޑު ސަރަހައްދެއް ބަލާފައިވާނެކަމަށެވެ. މިގޮތުން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއްވަނީ ކޯސްޓްގާޑްގެ އުޅަނދުފަހަރުން ބަލާފައިވާނެކަމަށެވެ. މީގެއިތުރުން ވައިގެ މަގުންވަނީ 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މި ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައެއްނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ފަތުރުވެރިޔާއާއިބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ބަލައިދިނުމަކީ ކޯސްޓްގާޑުން އެދެއެވެ. އަދި އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް