މި ރޯދަމަހު 117 ޓަނު ކަރާ ބާޒާރަށް ނެރެވޭނެ: އެގްރޯނެޓް

ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނިކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މި ރޯދަމަހު އެކު ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 117 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެނެކަމަށް ބުނެފިއެވެ. އެ...

05 Apr 2022 | 09:52

ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނިކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މި ރޯދަމަހު އެކު ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 117 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭނެނެކަމަށް ބުނެފިއެވެ.

އެގްރޯނެޓުން ބުނީ މި ކޮންމެ އަހަރެއްގެ ރޯދަމަހުގައި ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވެ، ޚާއްޞަކޮށް ތަރުކާރީއާ މޭވާގެ ބާވަތްތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ކަރާ ފަދަ ބާވަތްތަކުގެ އަގު މައްޗަށް އުފުލުމުން ޢާންމުންގެ ޝަކުވާ އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯދުމަށްޓަކައި އެގްރޯނެޓުގެ ފަރާތުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށްގެން ގިނަ ޢަދަދެއްގެ ކަރާ ހެއްދުމަށް ފަހު ބާޒާރަށް ނެރެން ފަށައިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯނެޓުން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު 5 ޓަނު ކަރާ، ދެވަނަ ދުވަހު 1.5 ޓަނު ކަރާ، ތިން ވަނަ ދުވަހު 3 ޓަނު ކަރާ ވަނީ ބާޒާރަށް ވަނީ ނެރެފައިވާކަމަށެވެ. އަދި މިހަފުތާގެ ތެރޭގައި އިތުރު 10 ޓަނު ކަރާ ބާޒާރަށް ނެރުމަށް މިހާރު ވަނީ ތައްޔާރު ކުރެވިފައިވާކަމަށާއި، އެކި ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 117 ޓަނު ކަރާ ރަމަޟާންމަހު ބާޒާރަށް ނެރެވޭނެކަމަށް އެގްރޯނެޓުން ބުނެއެވެ.

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރުވެފައި ވާތީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރަމަޟާން މަހުގައި ބާޒާރުގައި ކަރާގެ އަގު އާދަޔާ ޚިލާފަށް ބޮޑު ނުވެ ހިފެހެއްޓިފާ ވާކަން ފާހަގަކުރެވެއެވެ.

އެގްރޯނެޓުންބުނީ އެ ކުންފުނީގެ އުންމީދަކީ ގިނަ ޢަދަދެއްގެ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެވިގެން ދިއުމެވެ. އަދި ރަމަޟާން މަހުގެ ހުރިހާ ހިސާބެއްގައި ވެސް އެތަކެތި ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުރުންކަމަށެވެ. އަދި ކަރާގެ އިތުރުން ބަރަބޯ، ބަޓާނާ، ތޮރާ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ ބާވަތްތައް ގިނަ ޢަދަދަކަށް ބާޒާރަށް ނެރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯނެޓުން ބުނީ ރާއްޖޭގެ އަތޮޅުތައް 5 ސަރަޙައްދަކަށް ބަހާލެވިގެން، މުޑުވައްކުރާ ދުވަހުން ފެށިގެން ތަކެތި ބާޒާރަށް ނެރުމާ ހަމައަށް ދުރާލާ އިންތިޒާމް ކުރެވިގެން ހިންގޭ ދަނޑުވެރިކަމުގެ އާމޮޑެލްގެ ދަށުން ދަނޑުވެރިކަން ކުރުމަށްޓަކައި 707 ފަރާތަކުން ވަނީ ދަނޑުވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިކަމަށެވެ.  އެފަރާތްތަކުން ދަނޑުވެރިކަން ފެށުމަށްޓަކައި ދެވޭ ސްޓާޓާރ ޕެކް 276 ފަރާތަކަށް ވަނީ ދޫކުރެވިފައިކަމަށް އެގްރޯނެޓުން ބުނެއެވެ. އަދި 273 ފަރާތަކުން މިހާރު ވެސް ޢަމަލީގޮތުން ދަނޑުވެރިކަން ކުރައްވަމުން ގެންދަވާކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުގެ އުފެއްދުންތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން އޯޑަރުކުރުމަށާ މަޢުލޫމާތު ސާފުކުރުމަށް އެގްރޯނެޓުގެ ހޮޓްލައިން ނަންބަރު 3030490 އަށް ގުޅުއްވުން އެކުންފުނިން އެދެއެވެ.

އެގްރޯނެޓަކީ ސަރުކާރުގެ އިޤުދިޞާދީ ސިޔާސަތުގެ ދަށުން ވިޔަފާރީގެ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް