މުހީތު މަރާލިކަމުގެ ކުށް ސާބިތުވި ދެމީހުންނަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް

އަބްދުލް މުހީތު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އަންގާރަ ދުވަހު ބޭއްވުނު އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި މި ދެމީހުނަށް ވަނީ ވަކީލ...

05 Apr 2022 | 08:43

އަބްދުލް މުހީތު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އަންގާރަ ދުވަހު ބޭއްވުނު އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި މި ދެމީހުނަށް ވަނީ ވަކީލަކު އައްޔަންކުރުމުގެ ފަހު ފުރުސަތު ދީފައެވެ.

މުހީތު މަރާލި މައްސަލާގައި ކުރިމިނަލް ކޯތުން ތިން މީހަކަށް ވަނީ ދައުވާ ކޮއްފައެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އެވެ.

އަދި ކުރިމިނަލް ކޯޓުން ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. ކްރިމިނަލް ކޯޓުން އެ ދެ މީހުން މެރުމަށް ކޮށްފައިވާ ހުކުމުގައިވާ ގޮތުން މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އަންގާރަ ދުވަހު ވަނީ ހައިކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް، މި އަޑުއެހުމުގައި މައިމޫނާއި މުހުޖަތު ބައިވެރިވެފައިވަނީ ވަކީލަކާއި ނުލައެވެ. އެމީހުން ވަނީ އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބުނެފައެވެ.

މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފަހު ފުރުސަތު ދެއްވާފައެވެ. އަދި ގިނަ ދުވަސްވީ މައްސަލަތަކަށް އިސްކަންދީގެން ހައިކޯޓުން މައްސަލަތައް ބަލަމުންދާއިރު، މި މައްސަލައިގެ ގަޒިއްޔާއަށްވެސް ދުވަސްތަކެއް ވެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެގޮތުން ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އަދި ވަކީލަކާއި ނުލައި ހާޒިރުވި ނަމަވެސް، ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ވިދާޅުވެފައެވެ.

މުހީތު މަރާލާފައިވަނީ ފިނޭންސް މިނިސްޓްރީގެ ކުރިމަތީ އޮންނަ ގޯޅިގަނޑު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އެއީ 2012 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް