އަވައްޓެރި ސްރީލަންކާއިން ބޭސް ހުސްވެ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
ކުއްލި ހާލަތު އިއުލާނު ކުރުމުން އެ ގައުމުގެ ގަވާމެންޓު މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ) އިން، އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަދޭނީ ކޮންމެހެން މުހިންމު ބޭސްތަކާއި ސީރިއަސް ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސްތަކެވެ.
ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރަން ނިންމީ ލަންކާގެ މައި ސިއްހީ އިދާރާ އާއި ގުޅިފައިވާ އެ ގައުމުގެ ހުރިހާ ހިސާބެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބޭސް ހުސްވަމުންދާކަން އަންގާތާ ހަފްތާއެއް ވެފައިވާތީ ކަމަށް ޖީއެމްއޯއޭއިން ބުނެ އެވެ. އެ އެސޯސިއޭޝަނުން ބުނީ މިހާލަތު ގައުމަށް ކުރިމަތިވެފައިވާއިރު ސަރުކާރާއި ހެލްތް މިނިސްޓްރީ ވަނީ ސިއްހީ ދާއިރާ އެއްކޮށް އިނދަ ނުޖެހޭ ގޮތެއް ހެދުމަށް ނުކުޅެދިފަ ކަމަށެވެ.
ލަންކާގެ އިގްތިސޯދީ ހާލަތު ގޯސްވެ ބޭހުގެ އިތުރުން ތެލާއި ގޭސް ހުވެސް، ކާބޯތަކެތިވެސް ދަނީ ހުސްވަމުންނެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުން މިހާތަނަށް އެ ގައުމުގައި ތަކެތީގެ އަގު މައްޗަށް ނުދާވަރަށް ވަނީ ގޮސްފަ އެވެ.
ރައީސް ގޮތާބަޔާ ރާޖަޕަކްސާގެ ސަރުކާރާއި ދެކޮޅަށް މެދުކެނޑުމެއް ނެތި ލަންކާގެ ވެރިރަށް ކޮލަމްބޯ ހިމެނޭހެން ބޮޑެތި ސިޓީތަކުގައި ދަނީ މުޒާކަރާ ކުރަމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ނުވެގެން މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ބާރުގެ ބޭނުން ދަނީ ކުރަމުންނެވެ.
އެވަރުންވެސް މުޒާހަރާތައް ކޮންޓްރޯލް ނުވެގެން ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާގެ ކެބިނެޓް އެއްކޮށް މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެކަމަކު ބޮޑުވަޒީރާއި ރައީސް އިސްތިއުފާ ދެއްވާފައި ނުވާތީ އިދިކޮޅުން ވަނީ އެވަރުން ނުފުދޭކަމަށް ބުނެފަ އެވެ.
މަހިންދްރަގެ ސަރުކާރުން މިހާރު ދަނީ އާ މިނިސްޓަރުން މަގާމުތަކަށް އައްޔަން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް