1157 އަހަރުފަހުން ދުނިޔޭގައި ހުރި އެންމެ ގިނަދުވަސްވީ ކުތުބުޚާނާ އާންމުނަށް ހުޅުވާލެވުނީ މިދިޔަ އަހަރުއެވެ. މި ކުތުބުޚާނާ ހުންނަނީ މޮރޮކޯގެ ސިޓީއެއް ކަމަށްވާ ފެޒްގައި ހުންނަ އަލް-ޤަރަވީން ޔުނިވާރސިޓީގައެވެ.
އަލް-ޤަރަވީން ޔުނިވާރސިޓީއަކީ ގިނިސް ވޯލްޑް ރިކޯޑްސްގައި ވާގޮތުން ދުނިޔޭގައި ހުރި އެންމެ ގިނަދުވަސްވީ ޔުނިވާރސިޓީއެވެ. މި ޔުނިވާރސިޓީ ހުޅުވުނީ މީލާދީން 859 ވަނަ އަހަރުއެވެ. އެއީ ފެޒް، ސިޓީއަކަށް ވުމުގެ 30 އަހަރު ކުރިންނެވެ. މި ޔުނިވާރސިޓީގެ ފައުންޑަރ އަކީ ވަރަށް މުއްސަދި އަރަބި އަންހެނެއް ކަމުގައިވާ ފާތިމާ އަލް-ފިޚްރީ ނަމަކަށް ކިޔާ މީހެކެވެ. އޭނާވަނީ މިސްކިތަކާއި މަދަރުސާއެއްވެސް ޔުނިވާރސިޓީގެ ކައިރީގައި ބިނާކޮށްފައެވެ.
އިސްލާމި ތަޢުލީމަށް ޚާއްޞަ އަލް-ޤަރަވީން ޔުނިވާރސިޓީގައި ކުތުބުޚާނާއެއް ގާއިމްކުރީ މިލާދީން 1359 ވަނަ އަހަރުއެވެ. މި ކުތުބުޚާނާގައި ނުވަ ވަނަ ގަރުނުގެ ޤުރުއާނުގެ ފަތްފުތްތަކަކާއި، 10 ވަނަ ގަރުނުގައި ލިޔުނު ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހިވަސަލަމްގެ ސިޔަރަތާއި، އަދި ސިއްޙަތާއި، ސައެންސާ ގުޅުންހުރި މަޢުލޫމާތު އެކުލެވޭ އެތައް ފޮތްތަކެއް ވަނީ ރައްކާކުރެވިފާވެއެވެ.
އެއް ޖީލުން އަނެއް ޖީލައް މި ހުރިހާ ލިޔެކިޔުންތަކެއް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އަލް-ޤަރަވީން ޔުނިވާރސީޓީގެ އިދާރާއިން ޔުނިވާރސިޓީގެ ކުތުބުޚާނާ ހުރީ ވަރަށް ގިނަ އަހަރުތަކެއް ވަންދެއް ބަންދުކޮށްފައެވެ. މިގޮތައް ބަންދުކޮށްފައި ބެހެއްޓީ ކުތުބުޚާނާގައި ހުރި ލިޔެކިޔުންތައް ގެއްލި ނުވަތަ ވަގަށް ނަގާފާނެތީއެވެ. އެތައް ހަނގުރާމަތަކަކާއި އަދި ވެރިކަންތަކެއް ފެށި ނިމިގެން ދިޔަ އިރުވެސް މި އުސޫލު މިދިޔަ އަހަރާއި ޖެހެންދެން އޮތީ މިގޮތަށެވެ.
އެހެންނަމަވެސް މި ޔުނިވާރސިޓީއަކީ އެތައް ޒާމާންތަކެއްވެފައި ހުރި ތަނަކަށްވުމާއެކު ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އެގޮތުން އެންމެ ބޮޑު މައްސަލަތަކެއް ކުރިމަތިވަނީ އެތަނުގެ ކުތުބުޚާނާއަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ޔުނިވާރސިޓީގެ ކުތުބުޚާނާއާއި އިންވެގެން ހުންނަ މިސްކިތުގެ ފުރާޅުން ކުތުބުޚާނާގެ ތެރެއަށް ފެން އެޅި ވަރަށް ގިނަ ގެއްލުންތަކެއް ލިބުނެވެ. އަދި ކުތުބުޚާނާ އެހާ ގިނަ ދުވަސްތަކެއް ވަންދެން ނުހުޅުވާ ބަންދުކޮށްފައި ހުރުމުން އެތަން ބަލަހައްޓާ ފަރާތްތަކަށްވެސް މިކަން ރޭކާލާފައެއް ނުވެއެވެ. ކުތުބުޚާނާގެ ފްލޯބޯޑުތަކުގެ ދެމެދުން ފެންފައިބާ، ބިލްޑިންގެ ފައުންޑޭޝަންވެސް ހުރީ ނުރައްކާތެރި ހާލަތެއްގައެވެ.
މިކަމާއިމެދު މޮރޮކޯގެ މިންސްޓްރީ އޮފް ކަލްޗަރއިން ކަންބޮޑުވެ، ކުތުބުޚާނާއަށް ލިބިފައިހުރި ގެއްލުންތައް ބަލާއި ކުތުބުޚާނާ އަލުން މަރާމާތުކުރުމަށް ކުރެވިދާނެ ކަންތައް ބެލުމަށްޓަކައި އާކިޓެކްޗާރުންގެ ޓީމާކާ ހަވާލުކުރިއެވެ. އެއާއެކު އިންޖީނިއަރުންލައްވާ އިމާރާތުގެ ފައުންޑޭޝަން އަލުން ރާނާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް ބަހައްޓާއި، އަދި ފުރާޅުގެ ކޮންމެ މުއްޓެއް ވަކިވަކިން ބަދަލުކުރިއެވެ.
ކުތުބުޚާނާ މަރާމަތުކުރުމުގެ ތެރޭގައި ކުތުބުޚާނާއާއި ބެހޭގޮތުން ކުރިން ނޭގޭ ބައެއް ކަންތައްތައްވެސް ވަނީ ހޯދިފައެވެ. އެގޮތުން ކުތުބުޚާނާއާއި މިސްކިތާއި ގުޅުވައިދޭ ސިއްރު ދޮރެއްވަނީ ފެނިފައެވެ. މި ދޮރު އިނީ މިސްކިތުގެ 16 ގަރުނުވީ ގުއްބެއްގެ ބިއްދޮށުގައި ފޮރުވިފައެވެ.
މަރާމާތާއެކު ކުތުބުޚާނާއަށްވަނީ ޒަމާނީ ވަރަށް ގިނަ ބަދަލުތަކެއްވެސް ގެނެސްފައެވެ. މިގޮތުން ކުތުބުޚާނާގެ ލައިޓްގްސްއާއި، ހީޓިންނާއި އަދި އެއާރ ކޮންޑިޝަން ވަނީ ޒަމާނީ ފެންވަރަށް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ޒަމާންވީ މުހިންމު ލިޔެކިޔުންތައް ރައްކާކުރުމަށް ކުތުބުޚާނާގެ ބޭސްމަންޓްގައި ހައި-ޓެކް ލެބޯރެޓަރީއެއް ވަނީ ހަދާފައެވެ. މީގެ އިތުރުން ޔުނިވާރސިޓީގެ އެހެނިހެން ބައެއް ތަންތަންވެސް ވަނީ މަރާމާތުކޮށްފައެވެ.
ކުތުބުޚާނާ ބަލަހައްޓާ އިދާރާއިން މިހާރުވަނީ ޒަމާންވީ ލިޔެކިޔުންތައް ގެއްލި ނުވަތަ ނެތިގެން ހިނގާދާނެކަމުގެ ބިރައްޓަކައި، ކުތުބުޚާނާގައި ހުރި ހުރިހާ ލިޔެކިޔުންތަކެއް ސްކޭންކުރުމަށްފަހު ޑިޖަޓަލައިޒް ކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް