ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގަނެ ދެއްކެވި ކަމަށް ބުނާ ވާހަކަތައް ޓީވީއެމް އާއި ޗެނަލް 13 އިން ވަގުތުން ދެއްކި މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ރޭ ބޭއްވި ޖަލްސާގައި ފަލާހު ވަނީ ގާސިމް އިބްރާހީމަށާއި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ފަލާހު ވިދާޅުވީ އިދިކޮޅުގައި ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އަމިއްލައަށް ޖެހިފައި ތިއްބެވި މަޅިތަކުން ސަލާމަތްވުމަށް ކަމަށާއި އުމަރު ނަސީރު ވެސް ސަރުކާރުގައި ހުންނެވި އިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ.
"ދެން ބައްލަވާ އުމަރު ނަސީރު. އެއްޗެއް ވިދާޅެއް ނުވާނެ. ތިބޭފުޅުން ބައްލަވާ މިނިވަން 50ގައި ކުދިކުދި ކުންފުނި ހަދާފަ އެހެރީ 10 ދުވަހަށް 15 ދުވަހަށް. އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނާ ދިމާލަށް މި ދައްކަނީ. އުމަރު އަޅެ ކޯޓަށް ދޭބަލަ އަޅުނގަޑު ގޮވައިގެން، އަޅުނގަޑު ސާބިތު ކޮށްދޭނަން. ނުދާނެ ކޯޓަކަށެއް. ނުދާނެ، ވައްކަން ކޮށްކޮށްފަ ވަގަށް މި ގޮވަނީ އެހެން މީހުންނާ ދިމާލަށް. މިއީ ވަރަށް ދެރަ ކަމެއް. ވަރަށް ނިކަމެތި ކަމެއް" ރޭގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.
ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި އުމަރު ވަނީ ފުލުސް އޮފީހަށްވެސް ރޭ މައްސަލަ ހުށަހަޅުއްވާފައެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް އުމަރު ނަސީރު ރޭގައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ރޭ އިރާކޮޅުގެ ވަގުތެއްގައި ޓީވީ މޯލްޑިވްސް އާއި ޗެނަލް 13 އިން މުޅި ރާއްޖެއަށް ވަގުތުން ފޮނުވަމުން ގެންދިޔަ އާއްމު ބައްދަލުވުމެއްގައި އޭނާއާ ދިމާލަށް ފަލާހު ވަރަށް ސަރީހަ ބަހުން 'ވަގަށް' ގޮވާ އަބުރަށް އަރައިގެންފައިވާ ކަމަށެވެ.
އަދި އޭނާގެ އަބުރަށް އަރައިގެންފައި ވަނީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް ސާބިތުވެފައި ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި މިނިވަން50 ގެ އެއްވެސް މަސައްކަތެއް އޭނާގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް ނުވަތަ އޭނާގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަށް ވެސް ހަވާލުކޮށްފައި ނުވާނެ ކަމަށްސީޕީ އަރީފަށް އުމަރު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާރު ވަނީ މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އޭރު ހޯމް މިނިސްޓްރީ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް