މުއާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން ރާއްޖެއަށް އައިފޯން 7 ރެޑް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯނު 7ގެ (ޕްރޮޑަކްޓް ރެޑް) ހާއްސަ އެޑިޝަން އެ ކުންފުނީގެ ހުރިހާ ބްރާންޗަކުން ގަންނަ ލިބެން ހުންނާނެ ކަމަށެވެ. ދިރާގުން ބުނީ އެއް ފަހަރާ ފައިސާ ދައްކައިގެންނާއި 12 މަހަށް ބަހާލައިގެން ކަސްޓަމަރުންނަށް ފޯނު ގަނެވޭނެ ކަމަށެވެ.
ދިރާގުން ވަނީ އެކުންފުނިން އައިފޯނު ރެޑް ގަންނަ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ދޭން ނިންމާފައި އެވެ. އެގޮތުންޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ހިލޭ ފަސް ޖީބީ ޑޭޓާ އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީގެ ޑޭޓާ އާއި 300 ފްރީ މިނެޓު ލިބޭނެ އެވެ.
"ޕްރޮޑަކްޓް ރެޑް" ގެ ނަން ދީފައިވާ މި ފޯނު ވިއްކައިގެން ލިބޭ ފައިސާއިން ދެކުނު އެފްރިކާ އާއި ގާނާ އާއި ރުވަންޑާ ފަދަ ގައުމުތަކުގައި އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވާނެ އެވެ. މީގެ ކުރިން ވެސް އެޕަލް އިން ވަނީ ރަތްކުލައިގެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާ އިން އެއިޑްސް ޗެރިޓީ އަށް އެހީވެފަ އެވެ.
އައިފޯން ސެވަން އަދި ސެވަން ޕްލަސްގައި ބެކް ތުރޫ ކަމެރާ އަކާއި، ބެޓަރި ޗާޖު ހިފަހައްޓައި، އިމާސިވް ސްޓެރޯ ސްޕީކާސް ހުރެ އެވެ.
އައިފޯން 7 ގެ ރެޑް އެޑިޝަންގައި ހުންނަނީ ދެ ސައިޒެކެވެ. އެއީ 128 ޖީބީ އާއި 256 ޖީބީގެ ފޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް