ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަނީ ގަސްދުގައި މަރާލި ކަމަށްވެސް ބަލައިގެން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ބަންގަލަދޭޝްގެ ނޫހެއްކަމަށްވާ ޑާކާ ޑްރިބިއުންގައި ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސް (އާރްއެމްޕީ) ގެ އެސިސްޓެންޓް ކޮމިޝަނަރު އަމީން ހުސައިންއާއި ހަވާލާ ދީ ބުނެފައިވަނީ ރައުދާ މަރާލާފައިވާނެ ކަމަށް ބަލައިގެން ތަހުގީގު ކުރިޔަށް ގެންދަނީ އޭނާގެ އާއިލާއިން އެގޮތަށް ތުހުމަތު ކުރާތީ ކަމަށެވެ. އަދި އަމީން ވިދާޅުވެފައިވަނީ ބަޔަކު ގަސްދުގައި އޭނާ މަރާލި ކަމަށް ބެލެވެނީ 50 ޕަސެންޓު ކަމަށެވެ.
ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރައުދާގެ ލެޕްޓޮޕާއި ފޯނުގައިވާ މައުލޫމާތުތައް ބެލުމަށް ފޮނުވާފައިވަނީ ބަންގްލަދޭޝްގެ ސެންޓްރަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ރައުދާގެ މަރުގެ މައްސަލަ އަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލާ އިންޓަނެޓްގައި ވަނީ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައި އެވެ.
ރައުދާގެ މައްސަލައިގެ ތަހުގީގު ބަންގްލަދޭޝް ފުލުހުން ކުރިޔަށް ގެންދާގޮތް ބަލައި އެހީތެރިވުގެ ގޮތުން ދިވެހި ދެ ފުލުހުން ގެންދަނީ އެ ގައުމުގައި ހަރަކާތްތެރިވަމުންނެވެ. ދިވެހި ފުލުހުން ވަނީ ރައުދާ ދަންޖެހިފައި ހުރި ކޮޓަރި އާއި ހޮސްޓެލްގައި އުޅޭ ދަރުވަރުންނާއި ކޮލެޖުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައި އެވެ.
ރައުދާ އަމިއްލައަށް މަރުނުވާނެ ކަމަށް ބުނެ އޭނާގެ ބައްޕަ ބަންގްލަދޭޝްގެ މީޑިއާގައި ބުނެފައިވަނީ އަމިއްލައަށް މަރުވަނީ ޑިޕްރެޝަން ހުންނަ މީހުން ކަމަށެވެ. ރައުދާ ބައްޕަ ބުނީ އޭނާ އަކީ ވަރަށް އުފާވެރިކޮށް އުޅުނު ކުއްޖެއް ކަމަށެވެ.
ރައުދާ ކޮޓަރީގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ހެނދުނު ސައިބޯން ނުގޮސްގެން ރައްޓެއްސަކު ގޮސް ގޮވުމުން ދޮރު ނުހުޅުވައިގެން ގޮސް ކުޑަދޮރު ހަލާކުކޮށްލައިގެން ބެލި އިރު އެވެ. އެކަމަކު ރައުދާގެ އާއިލާއިން ބުނީ އެމީހުން އެ ކޮޓަރިއަށް ދިޔަ އިރު ކުޑަދޮރު ހަލާކުކޮށްލާފައި ހުރިކަން ފާހަގަވެފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް