ކުޅުދުއްފުށީ ވިޔަފާރިވެރިންގެ ކަރަންޓް ބިލް ބޮޑުވެ މައްސަލަތައް އުފެދުނީ އެރަށުގެ ވިޔަފާރިތަކުން ނަގަން ޖެހޭ ހަމަ ރޭޓުން ބިލުކުރަން ފެށުމުން ކަމަށް ފެނަކަ ކޯޕޮރޭޝަނުން ބުނެފި އެވެ.
ކަރަންޓް ސަބްސިޑި ކަނޑާލުމުން ބިލް ބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށީ ވިޔަފާރިވެރިން މިއަދު މުޒާހަރާ ކުރަމުންދާތީ ފެނަކަ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖަރު އަހުމަދު ނަޖާހު ވިދާޅުވީ ކުޅުދުއްފުށީގައި މި ވީހާތަނަށް ކަރަންޓަށް އަގު ނަގަމުން އައިސްފައިވަނީ 2009 ވަނަ އަހަރު އެނާޖީ މިނިސްޓްރީން ކަރަންޓުގެ އަގު ނެގުމަށް ފާސްކޮށްފައިވާ ރޭޓަށް ވުރެ އެތައް ގުނައެއް ކުޑަކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުއްޓަށް އެނާޖީ އޮތޯރިޓީން އޭރު ފާސްކޮށްފައި އޮތީ ކަރަންޓް ޔުނިޓަކަށް 7.50 ރ. ނަގަންށެވެ. ނަމަވެސް އޭރު އެ އަތޮޅަށް ކަރަންޓް ހިދުމަތް ދެމުން ދިޔަ އެ ސަރަހައްދުގެ ޔުޓިލިޓީ ކޯޕަރޭޝަނުން ކަނޑައެޅީ ކުޅުދުއްފުށީ ވިޔަފާރިކުރާ ތަންތަނުން ޔުނިޓަކަށް 2.75 ރ.ގެ ރޭޓުން ބިލް ހެދުމަށް ކަމަށް ނަޖާހު ވިދާޅުވި އެވެ.
“400 ޔުނިޓަށް ވުރެ މަތިވީމާ ސަބްސިޑީ ދިނުމަކަށް ނުވެސް އޮވޭ، ނަމަވެސް ކުޅުދުއްފުށީގައި އައީ 400 ޔުނިޓަށްވުރެ މަތިވުމުން ވެސް ސަބްސިޑީ ދެމުން،” ނަޖާހު ވިދާޅުވި އެވެ.
ފެނަކައިން ބުނީ ކުޅުދުއްފުށީ ވިޔަފާރިތަކުގެ ކަރަންޓް ބިލު ބޮޑުވި މައްސަލައިގަ އެ ކުންފުންޏަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ފެނަކައިން ކަރަންޓްގެ ހިދުމަތްދޭ 46،590 މީޓަރު ރަށްރަށުގައި ހުރިއިރު، އޭގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގައި ބޭނުންކުރަނީ 5،765 މީޓަރު ކަމަށެވެ.
ނަޖާހު ވިދާޅުވީ ވިޔަފާޜިތަކަށް ދެމުން އައި ސަބްސިޑީ މިދިޔަ މަހުން ފެށިގެން ކަނޑާލުމަން ސަރުކާރުން އެންގުމާއި ގުޅިގެން ކަރަންޓް ބިލަށް 11 މިލިޔަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓުގެ ސަބްސިޑީ ދިނުމަކީ ފެނަކަ ކޯޕޮރޭޝަނުން ކުރާ ކަމަކަށް ނުވާތީ އެކުންފުނިން ތަންފީޒުކުރަމުން ގެންދާނީ ސަރުކާރުން އެކަމުގައި ނިންމާ ނިންމުންތައް ކަމަށެވެ.
ވިޔަފާރިތަކަށް ދެމުންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލުމުން މިއަދު ކުޅުދުއްފުށީގެ އިތުރުން އައްޑޫގައިވެސް ވަނީ ވިޔަފާރިވެރިން މުޒާހަރާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް