ފުލުހުންގެ އަގު ވައްޓާލައި، ދޮގު އިލްޒާމްތައް އަޅުވަމުން ގެންދާ އިރު ފުލުހުންނާއި އެކު އެކަންކަމާ ދެކޮޅަށް ބަސްބުނާނެ އެހެން ބަޔަކު މިއަދު ބޭނުންވެފައިވާކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާރާމާރީ އާއި މީހުން މެރުން އިތުރުވެފައިވާތީ އޭގެ ތަހުގީގުތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންގެ އިސްވެރިންނާއި އެކު ޕޮލިސް އިންޓިގްރިޓީ ކޮމިޝަނުގެ މެމްބަރުން ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ ގާނޫނު ތަންފީޒް ކުރުމުގެ މަސައްކަތުގައި ފުލުހުންއެކަނިވެރިވެފައިވާ ކަމަށެވެ. ކޮމިޝަނަރު ވިދާޅުވީ އަމަން ގެއްލުވާލައި ކުށްކުރާ ފަރާތްތަކުގެ އަމާޒަކަށްވާނީ އެކަމެއް ހުއްޓުވުމަށް ތިބޭ ފުލުހުން ކަމަށާއި، އެހެންވެ ބޮޑެތި ދޮގު އިލްޒާމްތައް ފުލުހުންގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު ހަސަން ހަބީބު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުކޮށް މުއައްސަސާގެ ގަދަރުކުޑަކުރުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަތަކާމެދު ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބަސް ފުލުހުންނަށް ވަރަށް މުހިއްމު ކަމަށެވެ.
އަދި ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަދެއްކިޔަސް ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފު ވިދާޅުވީ މިހާރު ބަލަމުންދާ މައްސަލަތަކުގެ ރިޕޯޓް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށާއި ބައެއް މައްސަލަތައް ދިގުލައިގެން ގޮސްފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން، ޕީއައިސީން ބަލަމުންދާ މައްސަލަތައް ބެލުމުގައި ފުލުހުންގެ އެއްބާރުލުން ވަރަށް ފުރިހަމަ އަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް