ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް ސަރުކާރުން ދޫކުރާ ލޯނުގެ ތެރެއިން އިތުރު ހަ ފަރާތަކަށް ލޯނު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
ލޯނުގެ 60 އިންސައްތަ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ލޯނަށް 18 ފަރާތަކުން ކުރިމަތިލާފައިވާއިރު ލޯނު ލިބުނީ 13 ފަރާތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެ ލޯނުގައި އައް މިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފަ ވެ އެވެ.
ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމާއި، މަސްވެރިކަމުގެ ސިނާއަތުގައި ބައިވެރިކުރުމަށް އަމާޒުކޮށްގެން ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރު ކުރުމަށާ މަސްދޯނިފަހަރު ބަނުމަށާއި ދޯނި ފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގައި މާލީ ގޮތުން އެހީތެރިވެދިނުމަށް ދޫކުރާ އެ ލޯނު އިފްތިތާހް ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހުވަނީ ލޯން ލިބުނު 13 ފަރާތުގެ ތެރެއިން ހަތް ފަރާތަށް ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެ ލޯނު ދޫކުރެވުނީ ހަ އިންސައްތަ އިންޓަރެސްޓާއެކު ދޫކުރާ ލޯނެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ އާ އުފެއްދުންތަށް އުފައްދާ ފަރާތްތަކަށާއި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް އަމާޒުކޮށްގެން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭ ލޯނު ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް