އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެއް ނޫން ކަމަށް ޕެޓިޝަންގައި ސޮއި ކުރާ ފަރާތްތަކުން ގަބޫލުކުރާ ހިނދު އެމަނިކުފާނަކީ ރައްޔިތުންގެ ތާއީދާ ލޯތްބާއި އިހުތިރާމް އިންތިހާ ދަރަޖައަށް ހޯއްދަވާފައިވާ އަދި ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވެވަޑައިގަތް ފުރަތަމަ ރައީސަށްވެފައި އަދި ބައިނަލްއަގްވާމީ ދުނިޔޭގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާ ދުނިޔޭގެ ގަދަރާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ލީޑަރަކަށް ވީ ހިނދު އެފަދަ ސަހުސިއްޔަތަކަށް އަދާކުރައްވަންޖެހޭ އިހުތިރާމާ ގަދަރަށް ރިއާޔަތްކުރައްވާ، ރާއްޖޭގެ ހަމަނުޖެހުން ގާއިމްވާން އޮތްގޮތް އިސްކުރައްވައި، ރާއްޖެއާއި ދުނިޔެއާއި ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް އައުމަށް ފުރުސަތު ނުދެއްވައި ރާއްޖޭގެ ޑިމޮކްރެސީއާއި ސިޔާސީ ވާދަވެރި ނިޒާމް ނަގައްޓަވައި، ކުރިއަށް އޮތް ޖީލުތަކަށާއި އިންސާނިއްޔަތައްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގާނޫނު އަސާސީން ލިބިވަޑައިގެންފައިވާ ބާރާއި އިހުތިޔާރު ބޭނުންކުރައްވައި، ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ޕެޓިޝަންގައި ބަޔާންކޮށްފައިވާ އިތުރު ކަންތައްތަކަށް ބަލާއިރު ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލުމުގަޔާއި ޝަރީއަތް ހިންގުމުގައި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ދައުލަތުން ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖްރާތަކާ ހިލާފަށް އަމަލުކޮށްފައިވާކަންވެސް ފާހަގަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް